އެލްޖީއޭ

ބަޝީރުގެ ކެންޑިޑެސީގެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް

ނ. އަތޮޅު ކައުންސިލްގެ ރައީސް، މުހައްމަދު ބަޝީރު އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ ބަލައި ނުގަތުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ބަޝީރު ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަ ކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެމްޑީޕީގެ ފަރާތުން އޭނާ ހުށަހެޅުއްވި ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބަޝީރު ހުށަހެޅުއްވި ފޯމް ބަލައިނުގަތީ ގަޑިޖެހިގެން ހުށަހެޅުއްވުމުންނެވެ. ނަމަވެސް ބަޝީރު ގެންދަވަނީ އެ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. އޮންލައިންކޮށް ފޯމް ހުށަހެޅުއްވުމަށް ހުޅުވާލުމުން ގަޑިއަށް ފޯމް ހުށަހެޅުއްވި ކަމަށް ބަޝީރު ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެކަމާ ގުޅޭ ސްކްރީންޝޮޓްތަކެއް ވެސް އޭނާ މީގެ ކުރިން އާންމު ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަޝީރުގެ ފޯމް ބަލައިނުގަތުމުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ރަޖިސްޓްރާ ބަލައިނުގަތީ އެ މައްސަލަ އަކީ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހައި ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު އެވެ. ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަަށް އެދިވަޑައިގެން ބަޝީރު މިހާރު ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ބަޝީރުގެ އިތުރުން ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ. ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށް ނިންމާ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ވާދަ ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ހަތް ބޭފުޅުން ކުރިމަތިލައްވާފައި ވެއެވެ.

ރަށު ކައުންސިލަރުންގެ ސްލޮޓަށް ކުރިމަތިލެއްވި ބޭފުޅުން

އަހްމަދު ކަރަމް / އއ. ތޮއްޑޫ ކައުންސިލްގެ ރައީސް (އެމްޑީޕީ)
އަބްދުﷲ ޒާމިރު / ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް (އެމްޑީޕީ)
އަބްދުﷲ ވަހީދު / ފ. މަގޫދޫ ކައުންސިލްގެ ރައީސް (އެމްޑީޕީ)
މުހައްމަދު ރަޒީފް / ހއ. ފިއްލަދޫ ކައުންސިލް މެންބަރު (އެމްޑީޕީ)
އަހްމަދު އިބްރާހީމް / ގއ. ދާންދޫ ކައުންސިލް މެންބަރު (އެމްޑީޕީ)
ހުސައިން ޔާމީން މުހައްމަދު / ކ. ގުރައިދޫ ކައުންސިލްގެ ރައީސް (ޕީޕީއެމް)
މުހައްމަދު އިލްހާމް / ހދ. ނެއްލައިދޫ ކައުންސިލް މެންބަރު (އަމިއްލަ ގޮތުން)

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ކައުންސިލަރުންނަށެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 12ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.