ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ރައްދު: އިންކުއަރީއަށް ހުރަސް ނާޅުއްވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ

މެެއި ހައެއްގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅުއްވާނެކަން ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ އެކަމާއި ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވާ އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ އަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.

އެ މެސެޖްގަައި ރައީސް އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ހަސަން ލަތީފް ފޮނުއްވެވި ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރަައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ އިންކުއަރީ 241 ކޮމެޓީން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ އެކަން އެ ކޮމެޓީގެ މުގައްރިރު އިއްޔެވެސް އެކަން ޔަގީން ކޮށްދެއްވި ކަމަށެވެ. އަދި ކޮމެޓީއަށް ސަރުކާރާއި އެމަނިކުފާނުގެ ނުފޫޒެއްވެސް ނެތް ކަމަށް މުގައްރިރު ވިދާޅުވި ކަމަށެވެ.

އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާ ކަމަށާ އަދި ރައީސް ނަޝީދަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [ޕާލިމަންޓަރީ އިންކުއަރީ] ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ވިދާޅުވިއެވެ.

އިންކުއަރީއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީ އަށް ހުރަސް އަޅަން ސަރުކާރުން ކުރާ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"ސީދާ ރައީސް ސޯލިހު ވެސް އަޅުގަނޑާ ކުރެއްވި މުއާމަލާތެއްގައި މި އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައިވަނީ. އެހެންވީމާ އަޅުގަނޑަކަށް އަދި ނުފެނޭ [ނުފޫޒެއް އޮތް ތަނެއް]. ރައީސް ނަޝީދު ވެސް ބޭނުންފުޅުވާނެ މުޅި ރާއްޖޭގެ އަދި ހުރިހާ މުއައްސަސާތަކުން ބޭނުންވާނެ ފުރިހަމަ އިންކުއަރީއަކަށް މި އިންކުއަރީ ވާން،" އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީގެ އިންކުއަރީ އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުތައް ކުރެވިފައިވާއިރު މަޖިލީހުގެ ރައީސް ނަޝީދު ވެސް އިންކުއަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ. އެގޮތުން އިންކުއަރީއަށް ދޭން ޖެހޭ އެއްބާރުލުން ނުދޭ ކަމަށް ބުނެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާކުރަން މަޖިލީހުން ފާސްނުކޮށް ފޮނުވުން ބައެއް ބޭފުޅުން ދެކެނީ ނުފޫޒު ފޯރުވުން ކަމަށެވެ.

ރައީސް ނަޝީދުގެ އެއްވެސް ނުފޫޒެއް އިންކުއަރީ އަށް އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެކަމުގައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ނުފޫޒެއް ވެސް ނެތް ކަމަށެވެ. ވިދާޅުވީ ރައީސް ނަޝީދު އެ އިންކުއަރީ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުއްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އެފަދަ ނުފޫޒަކަށް ތަބާވެސް ނުވާނެ ކަމަށެވެ.

"ދެން އަޅުގަނޑު ބޭނުންވާނީ ވީހާވެސް މިނިވަންކޮށް ވަކި އަތަކަށް ނުޖެހި މި ރިޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން. އެ އުސޫލުން ހަމަ އަޅުގަނޑުމެން މަޝްވަރާ ކުރެވިގެން ކުރިއަށް މިދަނީ. އަޅުގަނޑުމެން ކުރާނެ ސުވާލުތަކާއި ނިންމާނެ އަދި ނިންމާނެ ނިންމުންތަކާއި އޭގައި އަދި އެކަހަލަ މައްސަލައެއް ދިމައެއް ނުވޭ،" އަސްލަމް ވިދާޅުވި އެެވެ.