މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓަރުންގެ ފީ މާފުކޮށްދޭން އެދެފި

Jun 9, 2021

ކޮވިޑް-19 އާއި ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި ގުޅިގެން އަހަރީ ފީ ލުއި ކޮށް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ބްރޯޑްކާސްޓިން ދާއިރާއަށް ތަފާތު މާލީ ގޮންޖެހުންތަކާ ކުރިމަތިވެ، ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގައި ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެހެންވެ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުޔެއް ދޭން ކޮމިޝަނުން ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

ބްރޯޑްކޮމް އިން ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ތަފާތު ސިނާއަތްތަކަށް ކުރިމަތި ވެފައިވާ ގޮންޖެހުންތައް ބްރޯޑްކާސްޓިން ދާއިރާއަށް ވެސް ކުރިމަތިވެ އެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުންނަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދީ މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ގާނޫނީ ޒިންމާ ހަވާލުވެފައިވާ ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދޭން ފެންނަ ބައެއް ލުއިތަކެއް ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.

ބްރޯޑްކޮމުން ރައީސަށް ހުށަހެޅި ކަންކަން

  • ލައިސަންސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީއާއި، ޖޫރިމަނާ މާފުކޮށްދިނުން
  • ފްރިކުއެންސީތަކުގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީ މާފުކޮށްދިނުން
  • މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީއާ ޖޫރިމަނާ މާފުކޮށްދިނުން
  • މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގެ އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުން
  • 2020 އަދި 2021 ގެ ފީއާއި، ޖޫރިމަނާ ފައިސާ ދައްކާފައިވާ ފަރާތްތަކާ މެދު އިންސާފުވެރި، ހަމަހަމަ އުސޫލަކުން އަމަލުކުރުން

ބްރޯޑްކޮމުން ބުނީ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް، ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ސްޓޭޝަންތައް ހިންގުމަށް ހުރި ދަތިތައް ދެނެގަތުމުގެ ގޮތުން ކޮމިޝަނުން އެ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކާއި އެއްކުރެވުނު މައުލޫމާތުގެ މައްޗަށް މިހާރު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.