ރައްޔިތުންގެ މަޖިލިސް

ބްރޯޑްކޮމަށް އައްޔަންކުރަން އިތުރު ހަތަރު ނަމެއް މަޖިލީހަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރުމަށް އިތުރު ހަތަރު ނަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރަނީ އެ ކޮމިޝަންގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 15 ގައި ހަމަވާތީ އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން ފޮނުއްވި ނަންތައް

  • ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު ރސ 5143
  • ޝާން ސޯލިހް މުހައްމަދު، ފިނިވާދީގެ، ދ. ކުޑަހުވަދޫ
  • ހުސެއިން އަމްރު، ވ. ރޯޝަން
  • ޝަފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ހަތަރު ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރުކަމުގެ މުއްދަތު ހަމަވާއިރު ބްރޯޑްކޮމް އިން އަހުމަދު ގައިސް ވަނީ މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވާފަ އެވެ. ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލުމުން ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އެ ފަސް ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ ބޭފުޅަކަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ނަންތައް ތަޅުމަށް ހުށަހެޅީ މިމަހުގެ އަށްވަނަ ދުވަހު އޮތް ޖަލްސާ ގައެވެ. އޭގެ ތެރެއިން ތިން ބޭފުޅަކަށް ކޮމިޓީން ވަނީ ރުހުންދީފަ އެވެ.

ބްރޯޑްކޮމް އަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ނަމަވެސް މިހާރު ކޮމިޝަންގައި ތިއްބަވަނީ ހަ މެންބަރުންނެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އަމްޖަދު ވަހީދުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުންނަކީ އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމް އެވެ.