މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ތިން ބޭފުޅަކަށް ކޮމިޓީން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިތުރަށް ދިރާސާ ކުރުމަށްފަހު ތިން ބޭފުޅުންނަށް ކޮމިޓީން ރުހުން ދީފި އެވެ.

ރައީސް އޮފީހުން ބްރޯޑްކޮމްގެ މެންބަރު ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގައިސްގެ ބަދަލުގައި ކޮމިޝަނަށް މެންބަރަކު ނެގުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ ބޭފުޅަކަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ނަންތައް ތަޅުމަށް ހުށަހެޅީ މިމަހުގެ އަށްވަނަ ދުވަހު އޮތް ޖަލްސާ ގައެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އައިމިނަތު ނުޒުހާ - ރިވޯޑް، ހ. ހޯރަފުށި
  • ހުސައިން އަމުރު - ވ. ރޯޝަން
  • ޝާން ސޯލިހް މުހައްމަދު - ފިނިވާދީ، ދ. ކުޑަހުވަދޫ
  • މަރިޔަމް ނަރީމާން ޝަރީފް - މުޝްތަރީގެ، ގދ. ތިނަދޫ
  • މަރިޔަމް މުނާ - ބޯގަންވިލާ، ސ. ފެދޫ

ކޮމިޓީން ރުހުން ދިން ތިން ބޭފުޅުން

  • އައިމިނަތު ނުޒުހާ - ރިވޯޑް، ހ. ހޯރަފުށި
  • ހުސައިން އަމްރު ވ. ރޯޝަން
  • މަރިޔަމް ނަރީމާން ޝަރީފް މުޝްތަރީގެ ގދ. ތިނަދޫ

ބްރޯޑްކޮމް އަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ކޮމިޝަންގެ މިހާރުގެ މެމްބަރުންނަކީ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާގެ އިތުރުން މުހައްމަދު ފަޒީން އަދި ޝިފްލާ އިބްރާހީމް އެވެ.

އަމްްޖަދުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައި ކޮމިޝަނަށް މެންބަރަކު ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ވެސް މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެެވެ.