ރައްޔިތުންގެ މަޖިލިސް

ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން ހިޔާލު ހޯދަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 15 ގެ ނިޔަލަށް ހަމަވާނެ އެވެ.

މެންބަރުކަމުގެ މުއްދަތު ހަމަވާތީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އެ ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރުމަށް ރައީސް ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންތައް ދިރާސާކޮށް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ ފެބްރުއަރީ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އާންމުންގެ ހިޔާލަށް ހުޅުވާލި ބޭފުޅުން

  • ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު ރސ 5143
  • ޝާން ސޯލިހް މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރުކަމުގެ މުއްދަތު ހަމަވާއިރު ބްރޯޑްކޮމް އިން އަހުމަދު ގައިސް ވަނީ މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވާފަ އެވެ.

ބްރޯޑްކޮމް އަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ނަމަވެސް މިހާރު ކޮމިޝަންގައި ތިއްބަވަނީ ހަ މެންބަރުންނެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އަމްޖަދު ވަހީދުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުންނަކީ އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމް އެވެ.