މާލޭގައި ޒުވާނުންނަށް ފަސޭހަކާއެކު މިއުޒިކް އަޑުއަހާލައި އެކުވެރިންނާއި ރައްޓެހިންނާއި ބައްދަލްކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރުގެ ބަހުސް މާދަމާ ފެށުމަށް ނިންމައިފި އެވެ. މާދަމާއަކީ މި ދައުރުގެ ފުރަތަަމަ ޖަލްސާ އޮންނަ ދުވަހެވެ. އާ ދައުރަށް މަޖިލީސް ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ގަރާރު މަޖިލީހަށް ހުށައަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. މި ގަރާރުގައި ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކަކީ އެ މައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރިންނާއި ހީނ ސަމާސާކޮށް މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިއުޒިކް އަޑުއަހާލާ ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. ތަފާތު ވައްތަރުގެ މިއުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއް ވަރަށް މުހިންމު ކަމަށްވެސް އެ ގަރާރުގައިވެއެވެ.
ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް އުންސުރަކީ ދިވެހި ލަވަޔާއި މިއުޒިކު ކަމަަށާ ދިވެހި ލަވަޔާއި މިއުޒިކުގެ ޝައުގުވެރިކަން ޒުވާނުންގެ ކިބާގައި އަށަގެންނެވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށްވެސް އެ ގަރާރުގައިވެއެވެ.
އެ ގަރާރުގައި ވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކާއެކު މިއުޒިކް އަޑުއަހާލައި އެކުވެރިންނާއި ރައްޓެހިންނާއި ބައްދަލްކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އެ ގަރާރުގެ ބަހުސްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ރައީސް ފޮނުއްވި ނަމާ ގުޅޭ މައްސަލައާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ރައީސް ފޮނުއްވި ނަމާ ގުޅޭ މައްސަލަ އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ރައީސް ފޮނުއްވި ނަމާ ގުޅޭ މައްސަލަ ދާއިމީ ކޮމެޓީތަކަށް ފޮނުވުން ވެސް އެޖެންޑާ ކޮށްފައިވެއެވެ.