އިންތިހާބަށްފަހު ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހެޅުމަށް އެއް މަސް ދުވަސް ލިބޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ގާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް ލިބެނީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ކޮންމެ އިންތިހާބަކަށްފަހު އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. މި ގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ގާނޫނަށް އަކުރެއް އިތުރުކޮށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފަ އެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުވެސް ރައީސް ސޯލިހު ވަނީ މިއަދު ތަސްދީގުކުރައްވާފަ އެވެ.
މި ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނުތަކަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.