ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށް އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ރާޝިދު މިހެން ވިދާޅުވީ މިރޭ ކޮމަންޑޫގައި އޭނާގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރާޝިދު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަކީ ފާއިތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ ރަށްތަކެއް ކަމަށެވެ. އެ ދާއިރާގެ ރަށްތަށް ނިކަމެތިވާން އެ ސަރުކާރުތަކުން ދޫކޮށްލި ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތައް ތަރައްގީކޮށް، ކޮޅަށް ނަގަން މަސައްކަތް ކުރަނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހް އަދި އެމްޑީޕީއާއި އެކުގައި އެ ދާއިރާ ތަރައްގީކުރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކުރީގެ ސަރުކާރުގެ ވެރިން ކޮމަންޑޫ ދައިރާގެ ރަށްތަކަށް ޒިޔާރަތް ނުކުރައްވާކަން ފާހަގަކުރައްވަމުން ރާޝިދު ވިދާޅުވީ އެ ބޭފުޅުން މިއަދު އެ ތިން ރަށުގެ ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދުގަންގަން ޖެހޭނެ ކަމަށެވެ.
ރާޝިދު ވިދާޅުވީ އޭނާއަށް ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަން ކާމިޔާބުކުރެވިއްޖެނަމަ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ކުރެއްވި މަސައްކަތްތަކުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި މި ސަރުކާރާ އެކުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ރައީސް ސޯލިހްވީ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކޮމަންޑޫ ދާއިރާގެ ގޮޑި އަޅުގަނޑުމެން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން. އަދި އަޅުގަނޑު ދެމިހުންނާނީ ހުސެންގެ ތަސައްވަރު ދިރުވުމަށް. ތަރައްގީއާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫން އަޅިގަނޑުމެންނަކީ. މިއަދު އެއްކޮޅުން ތަރައްގީ އަދި އަސާސީ ހިދުމަތައް، އަނެއްކޮޅުން އޮތީ އިންޑިއާ އައުޓް. އިދިކޮޅަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓް ދިނުމަކީ ކުރާނެ ކަމެއް ނޫން." ރާޝިދު ވިދާޅުވި އެވެ.
ކޮމަންޑޫގައި ތައުލީމު ހާސިލް ކުރުމަށް ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާން އާކުރައްވަމުން ރާޝިދު ވަނީ އޭރުގައި ކޮމަންޑޫ މީހުން ދިން ލޯތްބާއި ހިތްހެޔޮކަމުގެ ބަދަލު ދިނުމަށް އޭނާ އަށް ފުރުސަތު ދެއްވުމަށް ކޮމަންޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު ކޮމަންޑޫ ދާއިރާގެ ގޮނޑި އޭރު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް 332 ވޯޓްގެ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.