ރައީސް މުހައްމަދު ނަޝީދު

"އެމްޕީ ހުސައިން އަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް"

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޕީ ހުސައިން އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޕީ ހުސައިން ވަހީދަކީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ، ޑޮމޮކްރަސީގެ ނިޒާމަށް ވެރިކަން އަނބުރާލުމުގައި ބޮޑު ދައުރެއް އަދާ ކުރެއްވި އިހްލާސްތެރި ބައިވެރިއެއް ކަމަށެވެ. އަދި ހުސައިން އަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް ވިދާޅުވި އެވެ.

ހުސައިން އަވަހާރަވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ހުސައިންގެ އާއިލާ އަށް ތައުޒިޔާ ވެސް ވިދާޅުވެފަ އެވެ.

އެމްޕީ ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު 1:30 ހާއިރު އެެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ހުސައިން އަވަހާރަވުމާ ގުޅިގެން ގިނަ މަޖިލިސް މެންބަރުންނާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ގިނަ ބަޔަކު ދަނީ ތައުޒިޔާގެ މެސެޖްތައް ކުރައްވަމުންނެވެ.

އެމްޕީ ހުސައިންގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގަ އެވެ.