ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ދަތިކުރަނީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެން މަސައްކަތް ކުރާތީ ކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ހަސަން ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅައި ނުފޫޒު ފޯރުވާ ކަމަށެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި މިވަގުތު ރާއްޖޭގައި ތިއްބެވި ހަތަރު މެންބަރުންނަށް ޖަލްސާތައް ކުރިއަށް ނުގެންދެވިގެން ރަޖިސްޓްރީ ދޫކުރުން ވަނީ ހުއްޓިފަ އެވެ.
ހަސަން މިއަދު ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ދޫނުކުރި ނަމަވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީން ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން ޕާޓީގެ ނަމާއި ކުލަ ބޭނުންކުރާނެ ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރެ ވަރަށް އަވަހަށް ކެމްޕޭން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުލަ އާއި ނިޝާނާއި ލޯގޯއާއި އަޅުގަނޑުމެން ގެންގުޅެންވެސް ފަށާނަން. އަޅުގަނޑުމެންގެ ނަން، ދަ ޑިމޮކްރެޓްސް، މި ނަންވެސް އަޅުގަނޑުމެން ހަމަ ހުރިހާ ރަށެއްގައި ކިޔަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވާތީ ޕާޓީގެ ރަޖިސްޓްރީ ނުދީ ހިފެހެއްޓުމަކީ އަސާސީ ހައްގެއް ހިފެހެއްޓުން ކަމަށެވެ. ރަޖިސްޓްރީ ނުދީ ހިފެހެއްޓުމަށް ކޮމިޝަނުން ދައްކަނީ މަގުބޫލު ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ނުދީ ހިފަހައްޓަނީ ކޮމިޝަންގެ މެންބަރުންގެ މަސްލަހަތަށް ވުރެ ބޮޑަށް ސަރުކާރުގެ މަސްލަހަތެއް އޮތީމާ ކަމަށްވެސް ހަސަން ތުހުމަތުކުރެއްވި އެވެ.
"އެއީ ރައީސްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރާ ކަމެއް" ހަސަން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރެޓުންގެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޑިމޮކްރެޓުންގެ ތަފާތު ކެމްޕޭން ހަރަކާތްތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.