މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަފާ އައްޔަންކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ސަފާ ޝަފީގު އައްޔަންކުރައްވައިފި އެވެ.

ސަފާ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އޮފީހުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ސަފާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިލުކުރައްވާފަ އެވެ.

ބްރޯޑްކޮމްއަށް ސަފާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ބްރޯޑްކޮމް އަށް ސަފާ އައްޔަންކުރަން ފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމް އަށް ސަފާ އައްޔަންކުރީ އެ ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު ހަމަވުމުންނެވެ.