ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަނުކޮށްފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަައި ބްރޯޑްކޮމްއަށް އައްޔަނުކުރިކަމުގެ ލިޔުން ރައީސް ސޯލިހް ފަޒީންއަށް ވަނީ އަރުއްވައިފަ އެވެ.
ބްރޯޑް ކޮމްއަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ލިސްޓުގެ ކުރީގައިވެސް އޮތީ ފަޒީން އެވެ. ފަޒީންގެ ފަހަތުން ދެން ލިސްޓުގެ އެންމެ ކުރީގައި އޮތީ ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާއެވެ.
ބްރޯޑްކޮމް އަށް މެމްބަރުން އައްޔަނުކުރަން މިނިވަން މުވައްސަސާ ކޮމެޓީން ވޯޓަށް އެހިއިރު އެންމެ ގިނަ ވޯޓު ލިބުނީ ޝިފްޒާ އަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ފަޒީންގެ ނަން ފާސްކުރީ ކޮމެޓީން ލަފާ ދިން ގޮތާ ހިލާފަށް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ކުރިން ވިދާޅުވެފަ އެވެ.
ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއާ ވީޑިއޯ ޖާނަލިސްޓްގެ މަގާމެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ބްރޯޑްކަމުގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުރި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުގައި މަޝްވަރާކުރަމުން ދަނިކޮށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގައި މިހާރު ތިއްބެވީ ހަ މެމްބަރުން ނެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދެވެ.
ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.