އިމާރާތް ކުރުން

"ޓެކްސް އިސްލާހުން ބިކަވާނީ ދިވެހި ކުންފުނިތައް"

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް ބިކަ ވެދާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅު ވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރަން މިހާރު ވަނީ ކޮމެޓިީއަށް ފޮނުވާފަ އެވެ.

އެ ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވި ގޮތުގައި ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާއި ރީއިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުމެވެ.

އަދި މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާކުރުމަކީ ވެސް އެއް ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިން ޓެކުސް ނުނަގަން ވެސް ހުށަހަޅައިފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު މިއަދު "އަވަސް" އަށް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް ބިކަވެގެން ދާނެ ކަމަށެވެ.

"އެ ޓެކްސް ކަނޑާލީމަ މި ވާގޮތަކީ ބޭރުގެ ކުންފުނިތަކުން މި ރާއްޖެގެ ވަރަށް ބޮޑަށް މާކެޓުގެ ތެރެއަށް ދިވެހި ކުންފުނިތަކެކޭ އެއްގޮތަށް ވަދެ ކޮމްޕީޓް ކުރަން ބޭނުންވާ ދޮރަކަށް ވެގެން ދަނީ. އެހެންވީމާ އެ ޓެކްސް ކަނޑާލައިފިއްޔާ ބޭރުގެ ކުންފުނިތަކުގެ ބާރު ގަދަވާނެ ދިވެހި ކުންފުނިތަަކަށް ވުރެ. ވީމާ އެކަން އެގޮތަށް ނުކުރާށޭ މި ދަންނަވަނީ. މީރާއިން ހިސާބުތައް ބަލާލާއިރު މިހާރުވެސް ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި 10 ނޫނީ 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ބޮޑު ކުންފުނިތައް،" ސައީދު ވިދާޅުވި އެވެ.

ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭތީ އެކަަން ނުވާނެ ގޮތެއް ހޯދަން ސަރުކާރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ބެލެވޭކަމަށް ވެސް ސައީދު ވިދާޅުވެ އެވެ.

ޓެކްސްއަށް ގެންނަ އިސްލާހާ ދެކޮޅަށް މޯލްޑިވިސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ތެދުވުމަށް ވެސް ސައީދު ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގައި ބިދޭސީ ކުންފުނިތައް މިހާރުވެސް ހަަރަކާތްތެރިވެ އެވެ. އާންމުކޮށް އޮންނަ އުސޫލުގެ ދަށުން ރާއްޖޭގައި މަޝްރޫއެއް އިއުލާންކޮށްފިނަމަ އާންމުކޮށް ކޮންޓްރެކްޓް ލިބެނީ އަގުހެޔޮކޮށް މަސައްކަތްކޮށްދޭން ހުށަހަޅާ ކުންފުންޏަށެވެ.