ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

"ފީ ބޮޑު ކުރާއިރު ޓޫރިޒަމްގެ ހާލަތަށް ބަލަން ޖެހޭ"

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ ބޮޑު ކުރުމުގެ ކުރިން ދުނިޔޭގެ ޓޫރިޒަމްގެ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަަދު ސައީދު ވިދާޅު ވެއްޖެ އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރެއްގެ އަތުން ޓެކްސާއި ފީ ނެގުމުގެ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ވަނީ ފާސް ކޮށްފަ އެވެ. އެއާއެކު އަންނަ އަހަރުން ފެށިގެން އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނެ އެވެ. އަދި ބިޒްނަސް ކްލާހުން ނަމަ 60 ޑޮލަރު، ފަސްޓް ކްލާހުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ނަމަ 30 ޑޮލަރު ނަގާނެ އެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލަށް މަޖިލީހުގެ މުޅި ކޮމެޓީގައި ކުރި ބަހުސްގައި މެމްބަރު ސައީދު ވިދާޅުވީ ފީތައް ބޮޑުކޮށްލާއިރު ދުނިޔޭގެ ޓޫރިޒަމްގެ ހާލަތު އޮތް ގޮތާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމްގައި ވާދަވެރިން އެތައް މަންޒިލަކުން އަޖައިބުވާފަދަ ރޭޓްތައް ނެރެމުންދާ މި ދަނޑިވަޅު ރާއްޖޭގެ ޓެކްސްތައް ދެގުނަކޮށް ޜޭޓްތައް ނެރުމުން ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓުހައުސްތަކަށް މިއީ ވާދަވެރި އަގަކަށްތޯ އަދި އެފަރާތްތަކަށް އަންނާނެ އިމްޕެކްޓާމެދު ވިސްނަން ޖެހޭނެ ކަމަށެެވެ.

"....ކުއްލިއަކަށް ވޯޓަށް ގޮސް ފާސްކޮށްލައިގެން ނިންމުމެއް ނިންމުމަށްވުރެ ހެލްތީ ޑިބޭޓެއް ކުރުން މުހިންމު. ދެން މިވަގުތު 20 އަކަށް ޕަސެންޓް އޮކިއުޕަންސީ ރާއްޖޭގެ ރިސޯޓްތަކުގައި މިއޮތީ. ދެން އިގްތިސާދީ ކޮމެޓީގައި ބައެއް ސިޔާސީ ޕާޓީތަކުގައި ވިޔަފާރީގެ ގޮތުން ފުންނާބު އުސް ފަރާތްތައް ހުންނައިރުގަ އެ ފަރާަތްތަކުގެ ވެސް ނެތި މިކަން ނިމިގެން މިދަނީ " ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓޯޓޯ)ގެ ބަހެއްވެސް އެކަމުގައި ހޯދައިފައިވޭތޯ ބެލުމުގެ މުހިންމުކަން ސައީދު ފާހަގަކުރެއްވި އެވެ.

ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ފަސްޓް ކްލާހާއި ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރަނީ ބިލިއަނަރުން ކަމަށާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ކްލާސްތަކުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ޓެކްސް މިއަދު ފާސްކުރި ޓެކްސްއަށް ވުރެ އަދި މާބޮޑުވާނެ ކަމަށެވެ. އަދި ޓެކްސް
ބޮޑުކުރިނަމަވެސް ބޮޑެތި މަހުޖަނުން ދަތުރުކުރާ މިންވަރު މަދުނުވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވެސް ވިދާޅުވީ ފަސިންޖަރުން އަތުން ނަގާ ފީ ބޮޑުކޮށްގެން ޓޫރިޒަމަށް ގެއްލުންވުމުގެ ފުރުސަތު ކުޑަކަމަށެވެ. އެގޮތުން މިހާރުވެސް ފަތުރުވެރިން ރެއަކު 3000 އަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށް ބައެއް ފަަހަރު މުޅި ރަށްވެސް ހިފައިގެން އުޅޭ ކަމަށެވެ. އަދި ހާއްސަކޮށް ދިވެހިންނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

މިއަދުގެ ބަހުސްގައި ބައިވެރިވެލެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ފަސެންޖަރުން އަތުން ނަގާ ފީ ބޮޑުކުރި ނަމަވެސް އޭގެ އާމްދަނީ އިތުރުވޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

"އަގު ކިތަންމެ ކުޑަތަންކޮޅެއް މައްޗަށް ޖެހިލިޔަަސް ދެން އަންނަ ބަދަލެއްގެ ސަބަބުން ކުރިން ލިބުނު ވަރަށް ވުރެ އާމްދަނީ ދަށްވެގެންވެސް ހިނގައިދާނެ. މި ދަންނަވަނީ މި ބަދަލު ގެނައުމުން އާމްދަނީ ދަށްވެގެން ދާނެ ވާހަކައެއް ނޫން. މި ބަދަލު ގެނެސްގެން އާމްދަނީ އިތުރުވާކަމަށް ވަންޏާ ވަރަށް ރަނގަޅު" އަފީފް ވިދާޅުވި އެވެ.