މުހައްމަދު ސައީދު

އެއާޕޯޓް ފީ ބޮޑު ކުރާނަމަ ރަށު ޓޫރިޒަމަށް ގެއްލުން ވާނެ: ސައީދު

ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑު ކުރާނަމަ ރަށު ޓޫރިޒަމަށް ގެއްލުން ވާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ "ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު" ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެއާޕޯޓުން ފުރާ ޕަސިންޖަރުންގެ އަތުން ނަގާ ފީ އަނެއްކާ ވެސް ބޮޑު ކުރާ ގޮތަށް ބިލެއް ގެނައިއިރު، އެއާޕޯޓުން އަތޮޅު ތަކަށް ފުރާ މީހުންގެ އަތުން ނަގާ ފީތައް ބޮޑު ވާން ފަށާނެ ކަމަށެވެ.

ސައީދު މިހެން ވިދާޅުވުމުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި މާލެ އިން އަތޮޅު ތަކަށް ފުރާ އެއްވެސް ބަޔެއްގެ އަތުން ޓެކްސް ނަގާ ވާހަކަ ބިލުގައި ނެތް ކަމަށް ވިދާޅު ވާން ފެށްޓެވި އެވެ. އަދި ސައީދު މިނިސްޓަރު ކަމުގައި ހުންނެވި އިރު އެއިން އެއާޕޯޓެއް ތަރައްގީ ނުކުރެވުނު ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ސައީދަށް ފާޑުވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ ނިޒާމީ ނުކުތާތަކުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ދެން ވިދާޅުވީ، މާލެ އިން އަތޮޅުތަކަށް ފުރާ ޕަސިންޖަރުންގެ އަތުން ފީއެއް ނަގަން ބިލުގައި ނެތަސް އޭނާ ފާހަގަ ކުރައްވާ ނުކުތާއަކީ މާލެ އިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ފީ ތަކެއް ނަގަން ފެށުމުން ވާނެ ގޮތެއް ކަމަށެވެ.

"އަޅުގަނޑު މި ކަން ވާނެ ގޮތް މި ކިޔައިދެނީ، ތި ވިދާޅުވާ 12 ޑޮލަރު [އެއާޕޯޓް ފީ] ނަގަން ފެށީމަ، މާލެ އިން ބޭރަށް ދަތުރު ކުރާ އެއާލައިން ތަކަށް މި އަދަދު އިތުރު ކުރާނެ، ގެސްޓްހައުސް ތަކަށް ފުރާ ޕަސިންޖަރުންގެ އަތުން 40 ޑޮލަރު ނަގަން ފެށީމަ ގެސްޓްހައުސްތައް ހިންގޭނެ ގޮތެއް ނޯންނާނެ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނަގަން ފެށީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާޕޯޓް ތަރައްގީކޮށް ނިންމައި ދެން އެ ފީއެއް ނުގަނަގާ ގޮތަށް ކަމަށެވެ. މިހާރުގެ ސަރުކާރަށް އެ މަސައްކަތް ނިންމަން އޮތް ތާރީހަށް އެ ކަން ނުކުރެވުމުން ވެސް އޭގެ އަސަރުތައް ގެސްޓްހައުސް ވިޔަފާރި އާއި އިގްތިސާދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓް ޑިވެލޮޕްމަންޓަށް ޑެލިވާ ކުރަން ޖެހޭ ޝެޑިއުލަށް މި ކަން ނުކުރީމަ ވާނެ ގޮތް މި ވަނީ، އަޅުގަނޑު މި ގޮވާލަނީ ސަރުކާރަށް މަސައްކަތްތައް އަވަސް ކުރަން. ބާރު ސްޕީޑް ގެންނަން، އަޅުގަނޑުގެ ކަންބޮޑުވުމަކީ މި ދަރަނިތައް އަދާ ކުރުމުގެ ގާބިލްކަން މި ސަރުކާރުގެ ނެތުމުން." ސައީދު ވިދާޅުވި އެވެ.

މިހާރު ނަގާ ފީތައް

އެއާޕޯޓް ޑިވްލޮޕްމަންޓް ޗާޖު (އޭޑީސީ) ގޮތުގައި ދިވެހިންގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މިހާރު 12 ޑޮލަރު މިހާރު ނަގާއިރު ބިދޭސީންގެ އަތުން ނަގަނީ 25 ޑޮލަރެވެ. އެއާޕޯޓް ސާވިސް ޗާޖު (އޭޑީއެސް) ގޮތުގައި ވެސް ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. އެހެންކަމުން ވީއައިއޭ އިން ފުރާ ދިވެހިންގެ އަތުން 24 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު މިހާރު ނަގަމުން ދެ އެވެ.

އަލަށް ނަގަން ހުށަހެޅި ފީތައް

ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ. ބިޒްނަސް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު ނަގާނެ އެވެ. ފަސްޓް ކްލާހުންނަމަ 60 ޑޮލަރު ނަގާއިރު، ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގާނެ އެވެ.