މުހައްމަދު ސައީދު

ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކުގެ ސަސްޕެންޝަން އުވާލަން ގަރާރެއް

Jun 5, 2022
1

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްޓަކައި މަޖިލީހަށް މިއަދު ގަރާރު ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ތިން އަކުރު ސަސްޕެންޑް ކުރަން މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރީ މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށެވެ. އެ މުއްދަތު ހަމަވާން ކައިރިވުމުން ސަސްޕެންޑް ކުރި އަކުރުތަކަށް އަމަލުކުރުން އިތުރު މުއްދަތަކަށް އިތުރުކުރަން މަޖިލީހުން ދެވަނަ ފަހަރަށް ވަނީ ފާސްކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށެވެ.

ސަސްޕެންޑް ކުރި 32 ވަނަ މާއްދާގެ އަކުރުތައް

  • (ހ) ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެ އިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށް ވުރެ ދަށް ނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގަ އެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ އެކެއް އިންސައްތައަށް ވުރެ އިތުރު ނުވާނޭ ގޮތެއްގެ މަތިންނެވެ.
  • (ރ) 1 ޖެނުއަރީ 2016 އިން ފެށިގެން ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ، ގައުމީ ތަރައްގީގެ މަޝްރޫއުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަންޏެވެ. އެ ތާރީހުން ފެށިގެން ދައުލަތގެ ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ އެވެ.
  • (ބ) ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، މި ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން މިމާއްދާތައް ސަސްޕެންޑް ކުރީ ކޮވިޑް 19އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެން ދަރަންޏަށް ފައިސާ ހޯދައިގެން ދައުލަތް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރުމުގެ ގޮތުންނެވެ.

ސައީދުގެ ގަރާރުގައި ބުނެފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑް ކުރުމަށްފަހު މިހާތަނަށް 6.5 ބިލިއަން ރުފިޔާ ޗާޕްކޮށް، ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވިފައި ހުންނަ މިންވަރު ފައިނޭންޝަލް އިންސްޓުރޫމަންޓަކަށް ބަދަލުކޮށް އެއީ އެމްއެމްއޭ އިން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތަށް މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

"ގާނޫނުގައި ކަޅާ ހުދުން މިމާއްދާތައް ލިޔެވިފައިވަނީ ގައުމުގެ އިގްތިސޯދު ނަގަހައްޓާ އަދި ސަރުކާރުން ނަގަމުންދާ ލޯނުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާ ހަރުދަނާ އިގްތިސޯދީ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށާއި ދުނިޔެ ގަބޫލުކުރާ އެކައުންޓިން ހަމަތަކަށް ތަބާވެ ގައުމުގެ އިގްތިސޯދުގެ މައިތަނބު ރޫޅިގެން ދިޔަ ނުދިނުމަށްޓަކައި،" ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައިވާތީއާއި، ފަތުރުވެރިކަން ރަނގަޅުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އުވާލާފައިވާ ކަމަށެވެ. އަދި ދުނިޔޭގައިވެސް ޕެންޑަމިކްގެ ހާލަތު ނެތް ކަން ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވާތީއާއި، މިއަހަރު ރާއްޖޭގެ ޖީޑީޕީ 13 އިންސައްތަ އަދި އަންނަ އަހަރު 9.7 އިންސައްތަ ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާތީ ގަރާރުގައި ވަނީ ސަސްޕެންޑް ކުރި މާއްދާތައް އުވާލުމަށް ގޮވާލާފަ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ހިފަހައްޓާފައިވާތީ ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓާ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުލިބޭ ކަމަށާއި އެކަމާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވެ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ލޯނު ނަގަން ފުރުސަތު ލިބި އިގްތިސާދަށް އޭގެ ނުރައްކާ ކޮށްފާނެ ކަމަށްވެސް ގާރާރުގައި ބުނެފައިވެ އެވެ.

"އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބިދާނެކަމުގެ ބިރު އޮތުމުން، މި ގާނޫނުގެ މާއްދާތައް ހިފަހައްޓާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ." ގަރާރުގައިވެ އެވެ.