އެލްޖީއޭ

އެލްޖީއޭ ބޯޑު އިންތިހާބު ފަށައިފި

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ފަށައިފި އެވެ.

ވޯޓުލުން ފަށައިފައި ވަނީ މިއަދު 10:00 ގައެވެ. މިއަދު 11:00 އިގެ ނިޔަލަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

ކައުންސިލެއް އޮތް ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އައްޑޫ ސީޓީ ފިޔަވާ ކޮންމެ ރަށަކު ބަހައްޓާފައި ވަނީ އެއް ފޮއްޓެވެ. އައްޑޫ ސިޓީގައި ބަހައްޓާ ދެ ފޮށީގެ ތެރެއިން އެއް ފޮށި ހުރީ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ. ދެވަނަ ފޮށި ބެހެއްޓީ ހުޅުދޫއާއި މީދޫ ގުޅޭ ހިސާބުގެ ސުކޫލެއްގަ އެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފަ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ސިޓީތަކުގެ ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަނުން ވަނީ ނިންމާފަ އެވެ. އެކަމަކު ބަޝީރު ވަނީ އެ މައްސަލަ ހައިކޯޓަށް މައްސަލަ ހުށަހަޅަން ނިންމާ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ހަތް ކައުންސިލަރަކު ވާދަ ކުރައްވަ އެވެ.