ބީއެމްއެލްގެ ހިދުމަތްތައް ދޭނެ ގަޑި ތަކަށް ބަދަލު ގެނެސްފި އެވެ.
ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެމްއެމްއޭ އިން ބޭންކުތަކުގެ ހިދުމަތްތައް ދޭ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އެމްއެމްއޭގެ އެންގުމާ ގުޅިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިދުމަތް ދޭނެ ގަޑިތަކަށް ގެނައި ބަދަލުތައް ބީއެމްއެލް އިން މިއަދު ވަނީ އާންމު ކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މި މުއްދަތުގައި ބަންދުވާނެ ކަމަށެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެ އެވެ.
ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް ކާޑު ދޫކުރާނެ ކަމަށެވެ. އަދި ހުޅުމާލެ ބްރާންޗުން ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން މެންދުރު 2:00 އާއި ހަމައަށް ކާޑު ދޫކުރާނެ އެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ޕްރޮސެސް ކޮށްދޭނީ އެ ދުވަހެއްގެ 11:00 ޖެހުމުގެ ކުރިން ބީއެމްއެލް އަށް ލިބޭ ހުށަހެޅުންތައް ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން މުވައްޒަފުންގެ މުސާރަ ފޮނުވުމުން އެ ދުވަހުން ޖަމާ ކޮށްދޭން ވަނީ ނިންމާފަ އެވެ. އެ ގަޑިއަށް މުސާރަ ޖަމާ ކޮށްދޭނީ ބީއެމްއެލް އެކައުންޓްތަކަށް އެކަންޏެވެ. އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާ ކުރާނަމަ އެދުވަހަކު ޕްރޮސެސް ކޮށްދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ބީއެމްއެލް ޗެކްތަކުގެ ތެރެއިން ޕްރޮސެސް ކުރާނީ މެންދުރު 12:00ގެ ކުރިން ޖަމާ ކުރާ ޗެކްތަކެވެ. އަދި ހޯމަ، އަންގާރަ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިން ޗެކްތައް ވެސް އެދުވަހަކު ޕްރޮސެސް ކުރާނެ އެވެ.
ބީއެމްއެލް އިން ބުނީ ހެނދުނު 11:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ހެނދުނު 11:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް 100،000 ރުފިޔާއަށް ވުރެ މަތިން ލިބޭ އާރްޓީޖީއެސް ޓްރާންސްފާތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. ހެނދުނު 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ ޓްރާންސްފާ އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބިއެމްއެލް އިން ބުނެ އެވެ.