ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ބީއެމްއެލް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނެފައި މިވަނީ ބޭންކްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް ދަށްކުރުމަށް މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ އެ ބަދަލު މުރާޖައާ ކުރުމަށް އެ އޮތޯރިޓީ އިން ބީއެމްއެލްއަށް އެންގި ކަމަށް ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.
އެމްއެމްއޭ އިން ބުނީ ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި އެ ކަންކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެ އޮތޯރިޓީ އިން ވާނީ ބީއެމްއެލްއާ ބައްދަލުކޮށްފައި ކަމަށެވެ. އެގޮތުން ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
ކޮވިޑަށްފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެ އެވެ. މިގޮތުން ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާ ގައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީވެސް ބީއެމްއެލް އެވެ.
އެމްއެމްއޭ އިން ބުނީ ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާ ކަމަށެވެ. މިގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާ ގައެވެ. މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާ ގައެވެ. މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރުވެސް އަހަރުން އަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފަ އެވެ. އަދި މިއަހަރުވެސް މި އަދަދު އިތުރުވެފައިވާ ކަމަށާއި މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލް އަށް އެމްއެމްއޭ އިން ބުންޏެވެ.
"މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަކުރަމެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ފައިނޭންޝަލް ސެކްޓާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލުތައް ވެގެންދާނީ ރާއްޖޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ފަދަ ބަދަލުތަކަކަށް ކަމަށްވެސް ބުންޏެވެ.