ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަންބަރު ދަށަށް، ޕޮޒިޓިވްވީ 224 މީހުން

ރާއްޖެއިން އިތުރު 224 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 77،301 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 113 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 104 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް ހަތް މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 9،326 މީހުންނެވެ. މިހާތަނަށް 60،769 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 111 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. ހަތަރު މީހަކު އޮތީ އައިސީޔޫގަ އެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ދަރުމަވަންތަ 17 ގައި ފަސް މީހެއް އަދި 16 ވަނަ ފަންގިފިލާގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހިޔަލަ ވިންގުގައި ހަ މީހެއް އަދި ޕްރައިވެޓް ވޯޑްގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭޑީކޭގަައި ވެސް ހަތަރު މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 197 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.