އެމެރިކާގެ ރައީސް ޖޯ ބައިޑަން އިނގިރޭސި ރާނީއާ ބައްދަލު ކުރައްވައިފި އެވެ. މިއީ އެކަމަނާގެ ފިރިކަލުން އަމީރު ފިލިޕް އަވަހާރަވުމަށް ފަހު ގައުމުގެއްގެ ލީޑަރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ބައިޑަންއަށް މަރުހަބާ ދެންނެވުމަށް ވިންޑްސާ ގަނޑުވަރުގެ ގޯތިތެރޭގައި ބާއްވާފައި ވަނީ ކިރިޔާ ފުދޭވަރުގެ ހަފުލާ އެކެވެ. މާބޮޑު އުފާވެރި ކަމެއް ނެތެވެ. ފިރިކަލުންނާ ނުލައި ހަފުލާތަކަށް ރާނީ އަދި ވެސް ތައްޔާރު ނޫންކަން އެކަމަނާގެ ހަރަކާތްތަކުން އެނގެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަށް ފަހު ބައިޑަންއަށް ގާޑް އޮފް އޮނާއެއް އެރުއްވި އެވެ. އެއަށް ފަހު ރާނީއާ ބައިޑަން ގަނޑުވަރު ތެރެއަށް ސައިފޮދަކަށް ވަދެވަޑައިގެންނެވި އެވެ.
ބައިޑަންއާ ރާނީ ބައްދަލު ކުރެއްވުން ގާތްގަނޑަކަށް އޮތީ ސިއްރު ބައްދަލުވުމެއް ގޮތުގަ އެވެ. ނޫސްވެރިއަކަށް ކެމެރާމަނަކަށް އަދި ރެކޯޑިން ފަދަ އެޒާތުގެ އެއްވެސް ވަސީލަތަކަށް ފުރުސަތެއް ނެތެވެ. މަޖާކޮށް ނޫސްވެރިންނަށް ކޮމެންޓް ކުރައްވަން ކުއީން ބޭނުންފުޅު ނުވީ އެވެ.
ރާނީއާ ބައިޑަންގެ ބައްދަލު ކުރެއްވުން ދިގު ލައިގެނެއް ނުދެ އެވެ. އަދި ދެ ބޭފުޅުން ދެއްކެވި ވާހަކައެއް ވެސް ނޭނގެ އެވެ. އެހެން ނަމަވެސް، ސިއްރު އެހެން ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވޭ ބައެއް ކުދިކުދި ވާހަކަތައް ނޫސްވެރިންނަށް އިއްވައިދޭ ބީދައިން، ރާނީއާ ބައްދަލު ކުރައްވައި ދެކެވުނު ވާހަކަތަކުން ދެތިން ކަމެއް ބައިޑެން ވިދާޅުވެ ދެއްވި އެވެ.
ބައިޑަން ވިދާޅުވީ ރާނީގެ އަރިހުގައި މަޑުކޮށްލައްވައިގެން ހުންނެވިއިރު އެމަނިކުފާނުގެ މަންމާފުޅު މަތިން ވަރަށް ހަނދުމަފުޅު ވެވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ރާނީއަކީ މަޑުމަތިރި އޯގާތެރި ހުލުގު ހެޔޮ ކަނބަލެއް ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުން ސައިފޮދުގެ މެދުތެރެއިން ވަރަށް ޝައުގުވެރިވެ ވަޑައިގެން ރަޝިއާގެ ރައީސް ޕޫޓިންއާ ބެހޭ ގޮތުން ރާނީ ސުވާލު ކުރެއްވި އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބެހޭ ގޮތުން ސުވާލު ކުރައްވައި ބައެއް އެހެން ގައުމުތަކު ލީޑަރުންނާ ބެހޭ ގޮތުން ވެސް ސުވާލު ކުރެއްވި އެވެ.
ބައިޑަން ވިދާޅުވީ ވައިޓް ހައުސްއާ ބެހޭ ގޮތުން ރާނީ ސުވާލުކު ރެއްވުމުން ވައިޓް ހައުސްގައި ދިރިއުޅުން ހުރި ގޮތާ ބެހޭ ގޮތުން ސަމާސާ ކޮށްލެވި ކަމަށެވެ. އަދި ރާނީގެ ގަނޑުވަރުގެ ގޯތި ތެރޭގައި ވައިޓް ހައުސް ގެނެސް ބެހެއްޓިދާނެ ކަމަށް ވެސް ދެންނެވި ކަމަށެވެ. ބައިޑަން ވިދާޅުވީ ވައިޓް ހައުސްއަށް ވަޑައިގަތުނަށް ރާނީއަށް ދައުވަތު އެރުއްވި ކަމަށެވެ.