ފޮރިން މިނިސްޓްރީ

މޮރޮކޯގެ ސަފީރުކަމަށް އާސިމް ލާން ހުށަހަޅައިފި

ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރަން ހުށަހަޅައިފި އެވެ.

ސޯޝަލް ޕޮލިސީން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އާސިމް އެ މަގާމަށް އައްޔަން ކުރަން ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. އަދި އާސިމަށް ރުހުން ދިނުމުގެ މައްސަލަ އިތުރަށް ދިރާސާކޮށް އެކަމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. އާސިމް އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.

އާސިމް ވަނީ ޔުނިސެފާއި އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްޔޯ) ގެ އދ. ގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.