ސްޓާލިންކް

ސްޓާލިންކްގެ އިންޓަނެޓް މަތިންދާ ބޯޓު ތަކަށް ދެނީ

އެމެރިކާގެ ސްޕޭސްއެކްސް ކުންފުނީގެ އިންޓަނެޓް ހިދުމަތް ކަމަށްވާ ސްޓާލިންކް މެދުވެރިކޮށް މަތިންދާ ބޯޓުތަކަށް އިންޓަނެޓް ފޯރު ކޮށްދޭން އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ސްޓާލިންކްގެ ނައިބު ރައީސް ޖޮނަތަން ހޮފްލާ ވިދާޅު ވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފެށި ސްޓާލިންކަކީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ.

މިހާތަނަށް ސްޕޭސް އެކްސްއިން 1800 ސެޓެލައިޓް ޖައްވަށް ފޮނުވާލާފައި ވާއިރު ސްޓާލިންކްގެ ހިދުމަތް މިހާރު ބީޓާ މަރުހަލާއެއްގައި ބައެއް ހިސާބުތަކަށް ފޯރުކޮށް ދެއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކަނެކްޓެޑް އޭވިއޭޝަން އިންޓެލިޖެންސް ފޯރަމްގެ ތެރޭގައި ހޮފްލާ ވިދާޅުވި ގޮތުގައި މަތިންދާ ބޯޓުތަކަށް މިހާރު ލިބޭ އިންޓަނެޓް ނުވަތަަ ވައިފައި އަގު ބޮޑުވެފައި ވަރަށް ލަހެވެ. އަދި ސްޓާލިންކް މެދުވެރިކޮށް އާންމުންނަށް އިންޓަނެޓްގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދޭނއ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މި ހިދުމަތުގެ ޑެމޯތަކެއް ބައެއް އޭވިއޭޝަން ކުންފުނިތަކަށް ދައްކާފައިވާނެ އެވެ. އަދި އެކުންފުނިތަކާއެކު ހިދުމަތް ގާއިމް ކުރަން މަޝްވަރާތައް ކުރާ ކަމަށް ހޮފްލާ ވިދާޅުވި އެވެ.

މި ހިދުމަތް ރަސްމީކޮށް ފޯރުކޮށް ދެވޭނެ ވަކި ދުވަހެއް ހޮފްލާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އުއްމީދު ކުރައްވަނީ ލަސް ނުވެ ވީހާވެސް އަވަހަށް ހިދުމަތް ފޯރުކޮށްދޭށެވެ.

ސްޓާލިންކްގެ ހިދުމަތަކީ މަހު ފީއެއް ދައްކައިގެން ބޭނުން ކުރެވޭ ހިދުމަތެކެވެ. މަހަކު 99 ޑޮލަރަށް މި ހިދުމަތް ބޭނުން ކުރެވެ އެވެ. ނަމަވެސް ހިދުމަތް ބޭނުން ކުރަން ބޭނުންވާ ޑިވައިސް ގަތުމަށް އަދި ރަޖިސްޓްރީ ކުރަން 499 އެމެރިކާ ޑޮލަރު ނަގަ އެވެ. މިހާރު ސްޓާލިންކްގެ ހިދުމަތް ބީޓާ މަރުހަލާއެއްގައި އެމެރިކާ އަދި ކެނެޑާގެ ގިނަ ހިސާބުތަކަށް ބޭނުން ކުރެވެ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން ވެސް މި ހިދުމަތް ބޭނުން ކުރެވެ އެވެ.