ދުނިޔެ

ނަތަންޔާހޫ އަށް "ފުރައްސާރަ" ކޮށްގެން މުޅި ދުނިޔެއިން އެކަން ކުށްވެރިކުރަން ޖެހިއްޖެ

ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ފްރާންސްގެ ނޫހަށް ދިން ހަމަލާ ކުށްވެރިކޮށް ބޭއްވި ހިނގާލުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބައިވެރިވެ ވަޑައިގަތުމަކީ "ލަދު" ކަމެއްގެ ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ސިފަކުރެއްވުން ވަރަށް ބޮޑު މައްސަލައަކަށް ހަދައިފި އެވެ.

ކުށެއް ނެތް އާންމުންނާއި ގިނަ އަދަދެެއްގެ ނޫސްވެރިންގެ މަރުގެ ޒިންމާ ނަތަންޔާހޫ އުފުލަންޖެހޭ ކަމަށާއި އެފަދަ ވެރިޔަކު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ އެއްވުމެއްގައި ބައިވެރިވެގެން ނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ތުރުކީގެ ރައީސް ވިދާޅުވެފައި ވަނީ އެއްވުމުގައި ބައިވެރިވާން ނަތަންޔާހޫ ލަދުގަންނަން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅުވައިގެން ނަތަންޔާހޫ ވަނީ ޓްވީޓްތަކެއް ކުރައްވައިފަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ވާހަކަ ގަބޫލު ނުކުރެެވޭނެކަން ބައިނަލްއަގުވާމީ މުޖުތަމައުން ބުނަން ޖެހޭނެ ކަމަށް. ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ކާމިޔާބު ކުރެވޭނީ ސާފު ނިޔަތަކާ އެކު މަސައްކަތް ކޮށްގެން." އެއް ޓްވީޓްގައި ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.

މި މޭރުމުން ކުރެއްވި ޓްވީޓްތަކުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ އުރުދުގާން އަކީ ޔަހޫދީންނާ ދެކޮޅަށް އަބަދު ފުރައްސާރަކުރާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރި ނުކުރާތީ ހައިރާންވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރުދުގާން ވިދާޅުވެފައި ވަނީ އެއްވުމުގައި ނަތަންޔާހޫ ބައިވެރިވެ ވަޑައިގަންނަވާއިރު، ނަތަންޔާހޫގެ އަމުރަށް މަރާފައިވާ ކުޑަކުދިންނާއި އަންހެނުންގެ އަދަދަކީ ކޮބައިތޯ އަދި އެކަން ހިނގާފައި ވަނީ ކިހިނެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި ނަތަންޔާހޫ އަކީ ޔަހޫދީ ދައުލަތުން ހިންގާ ޓެރަަރިޒަމްގެ މޭސްތިރިޔާ ކަމަށް ވެސް ވަނީ ވިދާޅުވެފައިވެ އެވެ.

މި ބަހުގެ ހަމަލާތައް ފެށިފައި މި ވަނީ ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ގިނަ ގައުމުތަކުން ފާހަގަކުރާއިރު ޔަހޫދީންނާ ދެކޮޅަށް ބަހެއް ބުނުމަކީ ބޮޑު ކުށަކަށް ވަނީ ކީއްވެތޯ ސުވާލުކުރާ މީހުން ގިނަވެފައި ވަނިކޮށެވެ.