ފައްޔާޒް އިސްމާއީލް

ހަނިމާދޫ އެއާޕޯޓްގެ މިލްކުވެރިކަން އޮންނާނީ ދިވެހިންނަށް: ފައްޔާޒު

އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި ހަނިމާދޫގައި އޮތް އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރިނަމަވެސް ހަނިމާދޫ އެއާޕޯޓްގެ މިލްކުވެރިކަން އޮންނާނީ ދިވެހިންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅޭ އެތައް ކަންބޮޑުވުމެއް އުފެދިފައިވަނިކޮށް ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ މިލްކުވެރިކަން އޮންނާނީ ދިވެހިންނަށެވެ. އަދި އެތަން ހިންގާނީވެސް ދިވެހިން ކަމަށް ވިދާޅުވިއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު ކައުންސިލަށް ވަނީ އަންގާފަ އެވެ. ފުރަތަމަ އެ އެންގުން މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އެ ދުވަހު ހަނިމާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ހުށައަޅާ ކަމަށެވެ.

އަދި އެއާޕޯޓަށް އިތުރު ކުރާ ބިމުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޯދާން އޭރިއާގެ ހެޑްކުއާޑާސް ގާއިމު ކުރަން ބޭނުންވާ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭންއާއެކު ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދޭން އެދޭ ކަމަށެވެ.

ޕްލޭނިންގެ އެސިސްޓެންޑް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި އެއާޕޯޓް އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް ހަނިމާދޫގެ ޕިކުނިކް ސަރަހަައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިން ހިމެނޭތީ އެ ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަ ކުރުމަށް ފަހު ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ވެސް އަންގާފައި ވެެއެވެ.

އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމުން އެ ރަަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ބޮޑެވެ. އަދި އެ ނިންމުމާ ދެކޮޅަށް ރަށުގެ ޒުވާނުން ތެދުވެފައި ވެއެވެ. އަދި އެކަމާ ދެކޮޅު ހަދައި ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފަ އެވެ. އަދި އެ ރަށުގެ ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ. އިތުރަށް މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. އެ ޕެޓިޝަންގައި ހަނިމާދޫގެ އެތައް ބަޔަކު މިހާރުވެސް ސޮއިކޮށްފައި ވެއެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅޭ ޒުވާނަކު ބުނި ގޮތުގައި ޕެޓިޝަނަށް ސޮއި ހޯދުން ބާރަށް ކުރިއަށް ގެންދާއިރު އޮންލައިންކޮށް ވެސް ޕެޓިޝަންގައި ބައިވެރިވެވޭނެ އެވެ.

"އަމާޒަކީ ރަށުގެ ވީހާވެސް ގިނަ ބަޔަކު ބައިވެރި ކުރުވުން. އަދި އެ ޕެޓިޝަން ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން،"

ހަނިމާދޫ އެއާޕޯޓަށް ނަގާ ބިމުގެ ތެރޭގައި މިހާރު ވެސް އެ ރަށުގެ ރައްޔިތުން ހިތްފަސޭހަ ކޮށްލަން އޮތް ހަމައެކަނި ބޭނުން ކުރާ ސަރަހައްދު ހިމެނެއެވެ. ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެން ހަދާފައިވާ ބާބެކިއު އޭރިއާ އާއި މުޅި ބީޗު ވެސް އެ ބިން ދީފިނަމަ ގެއްލިގެންދެ އެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި "ސާއްބަ" ޖަމިއްޔާ އަދި "ކެތިއަރާ" ކުލަބްގެ ފަރާތުން ރައީސް ސޯލިހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި އެ ރަށުގެ ކުދިބޮޑު އެންމެންގެ ވެސް އުންމީދެކެވެ. އެ އުންމީދުގައި ތިއްބާ އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމަކީ ހަދާ ގޯހެއް އަދި ހިތާމައެކެވެ.

ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައަޅާފައިވާ ސަރަހައްދަކީ އިތުރަށް ހަނިމާދޫގެ ބިމުން އަކަ އިންޗިއެއް ނުދިނަސް މިހާރު ކޮށްފައިވާ ޕްލޭންއާ އެއްގޮތަށް އެއާޕޯޓު ތަރައްގީ ކުރެވިދާނެ ބިމެކެވެ. ހަނިމާދޫ ފަޅަކީ ބޮޑު ފަޅަކަށްވާތީ އެއާޕޯޓް ތަރައްގީ ކުރަން ރަށުގެ މީހުން ދިރިއުޅޭން އޮތް ބިމުން ބައެއް ދިނުމަކީ ރައްޔިތުން ހިތާމަކުރާ އަދި ދެކޮޅު ހަދާނެ ކަމެކެވެ.

އެ ސިޓީގައި ވެއެވެ: "... މި ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރުވެސް ހަނިމާދޫ ރައްޔިތުން މޫދަށް އެރި އާއިލާތަކާއެކު ހިތް އުފާކޮށްލުމަށް ހަމައެކަނި އޮތް ސަރަހައްދު ކަމަށްވާތީ މި ބިން ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދުގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަަމުގައި ދަންނަވަމެވެ. ހަމައެއާއެކު މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި ގުޅިގެން މި ރަށުން މިހާރުވެސް ގޯތި ހޯދުމަށް އެދި ތިބި 300 އެއްހާ އާއިލާއަށް މިކަމުގެ ސަބަބުން ވަނީ ނުހަނު ބޮޑު މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ،"