ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވް ނަންބަރު ހުރީ 372 ގައި

ރާއްޖެއިން އިތުރު 372 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 70،673 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 125 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 215 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 30 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 8،703 މީހުންނެވެ. މިހާތަނަށް 61،761 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 111 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. ހަތަރު މީހަކު އޮތީ އައިސީޔޫގަ އެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ދަރުމަވަންތަ 17 ގައި ފަސް މީހެއް އަދި 16 ވަނަ ފަންގިފިލާގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހިޔަލަ ވިންގުގައި ހަ މީހެއް އަދި ޕްރައިވެޓް ވޯޑްގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭޑީކޭގަައި ވެސް ހަތަރު މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 198 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދު މަރުވީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.