ފޮރިން މިނިސްޓްރީ

އަންހެން ޑިޕްލޮމެޓުންގެ ޖަމިއްޔާގެ ރައީސަކަށް ފަރަހަނާޒް

Jun 15, 2021
1

ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސްގެ މަގާމަށް ދިވެހިރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް މިއަދު ހަމަޖައްސައިފި އެވެ.

މިއީ މި ނެޓްވޯކްގެ ރައީސްގެ މަގާމު ރާއްޖެ އަށް ލިބުނު ފުރަތަމަ ފަހަރެވެ. ޑރ. ފަރަހަނާޒްގެ ދައުރުގެ ތީމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ މައްސަލަތަކަށް އަލިއަޅުވާލާ މަސައްކަތްކުރުމެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ފަރަހަނާޒް އާއި ރައީސް ކަން ހަވަލާކޮށްދެއްވީ އެ ޖަމިއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ސްކޮޓް އެވެ.

ޑރ. ފަރަހަނާޒް ފައިސަލްގެ ދައުރުގައި އެކަމަނާގެ ނައިބަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސޮފީ ކަޓްސަރަވާ އެވެ. އަދި މި ނެޓްވޯކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީ އެމްބަސީގެ ސަފީރުގެ ނައިބު އެވެ. ޑރ. ފަރަހަނާޒް މަގާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ޖުލައި މަހު އެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކަކީ މީގެ އަހަރުތަކެއް ކުރިން އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުން ތަމްސީލްވާ ގޮތަށް އުފައްދާފައިވާ ނެޓްވޯކް އެކެވެ. އަހަރުތަކެއް ވަންދެން މި ޖަމިއްޔާގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓުންނަށް ދިމާވާ ކަންތައްތައް ދެން ތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަން ތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަ ކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމްތަކާއި ވާކްޝޮޕްތައް ހިންގުމަށްވެސް ޖަމިއްޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަޝިޕް ޕްރޮގްރާމްތައް މިޖަމިއްޔާ އިން އިސްނަގައިގެން ކުރިއަށް ގެންދެ އެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސް އަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަގާމެކެވެ. އެގޮތުން މި ނެޓްވޯކްގެ މަސައްކަތް އަލުން ފަށައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. މި ނެޓްވޯކްގެ ފުރަތަމަ ރައީސް އަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރެވެ.

ސަފީރު ފަރަހަނާޒް ފައިސަލް އަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަލަންޑް އަދި ސްޕެއިން އަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.