ދުނިޔެ

ޔަހޫދީން ދިދަ ވިހުރުވައި ގުންފައި ޖަހައިފި

ޔަހޫދީ އިޒްރޭލުގެ އާންމުން މަގުތަކަށް ނިކުމެ ފަލަސްތީން މީހުންނަށާއި އަރަބީންނަށް ފުރައްސާރަކޮށް ދިދަ ހޫރައިފި އެވެ. މިއީ ފަލަސްތީން ބިންތައް އިސްތިއުމާރުކޮށް އާރެއް ބާރެއް ނެތް ރައްޔިތުންގެ މައްޗަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން 1967 ގައި ވެރިވެގަނެ ގަދަބާރުން ހޯދި ކާމިޔާބީގެ އުފަލުގައި ބާއްވާ ހަރަކާތެެއް ކަމަށް ބުނެވެ އެވެ. މި ހިނގާލުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަގުތައި ޔަހޫދީއެއްކަން ކަށަވަރުކޮށްދޭ އިޒްރޭލު ދިދައެއް އޮންނަން ޖެހެ އެވެ.

ޔަހޫދީން ދިދަ ހޫރަމުން އިރުމަތީ ގުދުސްގައި ގުންފައިޖަހާފައި ވަނީ ފަލަސްތީން އާންމުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގަ އެވެ. މި ހަރާތުގައި ބައިވެރިވިހާ ބަޔަކަށް އިޒްރޭލުގެ އިސްތިއުމާރީ ފައުޖުތަކުން ހިމާޔަތް ދީ ރައްކާތެރިކަން އޮތީ ކަށަވަރު ކޮށްދީފަ އެވެ.

އިޒްރޭލު ނޫސްތަކުން ބުނާ ގޮތުން 5،000 އަށް ވުރެ ގިނަ މީހުން ދިދަ ހޫރުމުގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނެ އެވެ.

މަންޒަރު ދުށް މީހުން މީޑިއާއަށް ކިޔައި ދިން ގޮތުން ޔަހޫދީން މަގުތަކުގައި ދިދައިން ބޭން ޖަހަމުން ގޮވެލިފަތި ގޮވަމުން އަރަބިން ފަނާ ކުރަން ގޮވާފައިވެ އެވެ. އަދި މިހަރަކާތް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް އިޒްރޭލުގެ އިދާރާތަކުގެ ވަރަށް ބޮޑަށް އެއްބާރުން ދީފައި ވެއެވެ.

ގުދުސް އެއްބައިވަންތަ ކުރަން ގޮވާލާ މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން ރާވާފައި އޮތީ މެއި 10 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އިޒްރޭލުން ގާޒާއަށް ދެމުން ގެންދިއަ ހަމަލާތަކާ ހެދި ހިނގާލުން ބޭއްވޭ ގޮތް ނުވީ އެވެ.

އަނެއްކޮޅުން ބެންޖަމިން ނަތަންޔާހޫގެ ބޮޑުވަޒީރު ކަމުން ދުރުކުރަން އިދިކޮޅު އަށް ޕާޓިއަކުން އާ ސަރުކާރެއް އެކުލަވާލަން ކުރާ މަސައްކަތްތަކާ ހެދި ވެސް މި ހަރަކާތަށް މަޑުޖެހުން އޮތީ އައިސްފަ އެވެ. ޔަހޫދީންނަށް ދިދައާއެކު ބޭންޖަހަން ހުއްދަދީފައި މިވަނީ އާ ބޮޑުވަޒީރު، ނަފުތާލީ ބެނެޓްގެ ވެރިކަމަށް ރަނގަޅަށް އިރު ވެސް ނާރާއިގެން އުޅެނިކޮށެެވެ.

ނަފުތާލީ ބެނެޓްގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޔުނައިޓެޑް އަރަބް ލިސްޓްގެ ހަތަރު މެމްބަރުން މިހަރަކާތާ ދެކޮޅެވެ. މިއީ އިޒްރޭލުގެ އަރިބިންގެ ހިއްސާ އޮންނަ ޕާޓީއަކަށް ވާތީ މިކަމުގެ ބިރުވެރިކަން ބޮޑުވަޒީރު ބެނެޓަށް އޮންނާނެ އެވެ.

އިޒްރޭލުން ޔަހޫދީންނަށް ދިދަ ހިފައިގެން ހިނގާލަން ހުއްދަދީފައި އޮތްއިރު މަސްޖިދުލް އަގްސާ ސަރަހައްދަން ވަނުން ފަލަސްތީން މީހުންނަށް ވަނީ މަނާ ކޮށްފަ އެވެ. މި ހަރަކާތަށް ދެކޮޅުހަދާ ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލު ފުލުހުން ރަބަރު އުންޑަ އާއި ލަޓިބުރިން އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ވަރަށް 17 މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓުން ބުނެ އެވެ.