ރައްޔިތުންގެ މަޖިލިސް

ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުން ރުހުންދީފި

ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ކުރިން ހިންގަމުން ދިޔަ ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަަމަންޓް މިނިސްޓްރީގެ ދަށަށް މިދިޔަ މަހު ފަސްވަނަ ދުވަހު ވަނީ ބަދަލު ކޮށްފަ އެވެ. އަދި އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ނަމަަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އަދި ކުރިން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ "ނެޝެނަލް ޑްރަގް އޭޖޭންސް" އެ މިނިސްޓްރީގެ ދަށުން ވަކިކޮށް ހެލްތު މިނިސްޓްރީގެ ދަށަށް ވެސް އެދުވަހު ބަދަލުކުރި އެވެ.

އެ ބަދަލުތައް ގެންނަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން ވެސް އޮތީ ފާސް ކޮށްފަ އެވެ.މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ ބަދަލުތަކަށް ރުހުން ދޭން 51 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ވުޒާރާތަކަށް ގެނައި ބަދަލުގެ ދަށުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ހުރިހާ މަސައްކަތާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ހުރިހާ މަސައްކަތްތައް ދެން ހިނގާނީ ޓެކްނޮލޮޖީ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ނެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާގުޅޭ ކަންކަން ކުރިއަށް ގެންދާނީ ހެލްތު މިނިސްޓްރީންނެވެ.