ހަބަރު

"މީހުން އުޅޭ ރަށްތައް މަދުކުރާ ވިސްނުމެއް ނެތް"

މީހުން ދިރި އުޅޭ ރަށްތައް މަދު ކުރާ ވިސްނުމެއް ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ އަހަރީ ރިޕޯޓާއި އެހެން ބައެއް ރިޕޯޓްތަކާ ބެހޭ ގޮތުން ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކުރުމުން ކޮމެޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި އަސްލަމް ވަނީ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރުމުގައި ގެންގުޅޭ ސިޔާސަތުތައް ސާފު ކޮށްދެއްވައިފަ އެވެ.

އެގޮތުން އެއް ރަށުގެ މީހުން އެއްކޮށް އެހެން ރަށަކަށް ބަދަލު ކުރުމުގެ ސިޔާސަތަކީ މިހާރު މާޒީވެ ގޮސްފައިވާ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އޭގެ ބަދަލުގައި އަމިއްލައަށް ބޭނުން ވެގެން އެއް ރަށުން އަނެއް ރަށަށް ބަަދަލުވުން މާ ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުގެ ނަޒަރުގައި ބައެއް މީހުން ރަށްރަށަށް ބަދަލުވުމުގައި ތަފާތު ސަބަބުތައް ހުރެ އެވެ. އޭގެ ތެރޭގައި ބައެއް ސަރަހައްދުތަތަކީ އިގްތިސޯދީ ގޮތުން ރަނގަޅު ސަަރަހައްދަކަށް ވުމާއި އަނެއް ބައި ސަރަހައްދުތަކީ ދިރިއުޅެން ހިތް ފަސޭހަ ސަރަަހައްދު ތަކަކަށް ވުން ހިމެނެ އެވެ.

އަދި ލޯކަލް ޓޫރިިޒަމާއެކު ކުރިން ދިރިއުޅެން އެންމެ ކަމުނުދާ ރަށްތައް ވެސް މީހުން ދިރިއުޅެން ކަމުދާ ރަށްރަށަށް ވެގެން ގޮސްފައިވާކަން މިނިސްޓަރު ފާހަގަ ކުރައްވާ، ވ. އަތޮޅުގެ ރަށްތަކަކީ އެފަދަ ރަށްތަކެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްތަކަކީ އާބާދީ ކުޑަ ރަށްތަކެއް ނަމަަވެސް އެހެން ރަށްތަކެކޭ އެފަދައިން އެރަށްތަކުގައި އަސާސީ ހިދުމަތްތައް ފޯރު ކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 100 އަށް ވުރެ މަދުން މީހުން ދިރިއުޅެމުންދާ ވ. ރަކީދޫ މިސާލަކަށް ނަންގަވައި ވިދާޅުވީ އެރަށުގައި ވެސް ބަނދަރު ހަދައި ނިންމާފައިވާ ކަމަށެވެ.