ހިޔާ މަޝްރޫއު

ހިޔާ ފްލެޓް އަޅަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ކުންފުންޏަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ހިޔާ މަޝްރޫއާ ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަަޒީޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ޔުނިޓަކީ 62،000 ޑޮލަރު ކަމަށެވެ. ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއިރު އެއަށްވުރެ މާ ކުޑަ އަގު އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މަޝްރޫއު ހިންގި ކުންފުންޏާއި ޖެހެގެން ދެން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ވެސް އެ ކުންފުންޏަށްވުރެ 10،000 ޑޮލަރު ކުޑަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ދެން ތިބި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާ ދެމެދުގެ އަދެދެކެވެ.

"ތަށިމުށި ޖެހުމާއި ދޮރެއް ހަރުކުރުމެއް ނެތް. ކިޗަން ކެބިނެޓް ހެދުމެއް ނުހުމެނޭ. ކުލަ ލުމެއް ފަންކާ އަދި ބޮކި ހަރުކުރުމެއް ނުހިމެނޭ. ހިމެނެނީ ކަރަންޓު ވައިރުކުރުމާއި ފެން ސަޕްލައިކުރުން. އެއް ސްކޯޕެއްގަ ހުރިހާ ފަރާތްތަކުން ވެސް ޕްރޮޕޯސަލް ހުށަހަޅާފަ އޮތީ. އަޅުގަނޑަކަށް ނޭންގެ ކުރީ ސަރުކާރުން ކޮން ގޮތަކަށް ވިސްނާފަ ކަމެއް އެންމެ އަގުބޮޑު ކުންފުންޏަށް ޕްރޮޖެކްޓް އެޕޯޑުކުރީއެއް." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިއީ މި ސަރުކާރުން އަޅާ ތިން ކޮޓަރީގެ ފްލެޓްތަކާ އެއްވަރުގެ އަދަދެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން އަޅާ 750 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކުގެ އަގަކީ 62،000 ޑޮލަރާއި 66،000 ޑޮލަރާއި ދެމެދުގެ އަގެއް ކަމަށެވެ.

މި ސަރުކާރުން ހިންގާ އެންމެ ކުދި ފްލެޓްތަކުގައި 650 އަނކަފޫޓު ހުންނާނެ ކަމަށާއި އެ ތަންތަނުގެ އަގު އުޅޭނީ ޔުނިޓެއް 45،000 ޑޮލަރާއި 47،000 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށެވެ. މިއީ ހިޔާ ފްލެޓްތަކަށްވުރެ ބޮޑު ޔުނިޓްތަކެއް ކަމަށާއި މި އަގަކީ ތަންތަނުގައި ޓައިލްސް ޖަހައި، ކުލަލައި، ދޮރުތައް ހަރުކޮށް އަދި ފަންކާ އާއި ބޮކިތައް ހަރުކުރުމުން އަރާ އަދަދު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކަކީ ތިން ކޮޓަރީގެ ޔުނިޓްތަކެއް ހަދަންދާ އަގަށްވުރެ ކުޑަ އަދި ފިނިޝިން ވެސް ނުނިންމާ ހިންގާފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓަކަށް މަހަކު ދައްކަން ކަނޑައަޅާފައިވަނީ 5،500 ރުފިޔާ އެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އެއީ ފްލެޓް ދޫކޮށްލެވޭނެ އަގެއް ނޫން ކަމަށް ބުނެ 7،500 ރުފިޔާ އަށް ފްލެޓްތަކުގެ މަހު ފީ ބޮޑުކޮށްފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެޗްޑީސީގެ ޗީފް ފިނޭންސް އޮފިސަރު އަހުމަދު ޝާމް ވިދާޅުވިގޮތުގައި އަގުތައް ކަނޑައަޅާފައި ވަނީ ހަމައެކަނި ކޮންސްޓްރަކްޝަން މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތުގެ އިންޓްރެސްޓް އެކަނި ހިމަނާފައި ކަމަށެވެ. އެހެން ހަރަދުތައް ވެސް ހުންނާނެ ކަމަށާއި ނަމަވެސް އެ އަދަދުތައް ހިމަނައިފިނަމަ މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.