އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.
މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާ އޮންނާނީ ހިޔާ ފްލެޓްތަކުގެ މެދުގައި ކަމަށްވެސް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ "ކޮތަރުކޮށި" ނަމުގައި ބާއްވާ ޖަލްސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ.
ޝުޖާއު ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުންގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސަޕޯޓްކުރާ ހުރިހާ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދެއްވާފަ އެވެ.
ހުޅުމާލޭގައި ބާއްވާ މި ޖަލްސާއަކީ ރައީސް ޔާމިން ދެ އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވި ފަހުން ބާއްވާ ތިންވަނަ ޖަލްސާ އެވެ. ޔާމީން ވަނީ މިދިޔަ ހުުުކުރު ދުވަހުގެރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާފަ އެވެ.