ރައީސް އޮފީސް

ހަނގުރާމައަށް ދިޔަ އާއިލާ ގެނައުމުގެ މަޝްވަރާ ކުރިއަށް

ހަނގުރާމައަށް ދިޔަ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނައުމާއި ގުޅޭގޮތުން ކެބިނެޓް ލެވެލްގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ހަނގުރާމާގައި ބައިވެރިވުމަށް ދިޔަ ދިވެހި އަންހެނަކު އޭނާގެ ދަރިންނާއެކު ސީރިއާއިން ތުރުކީއަށް އެތެރެވެ ގަވާއިދާ ހިލާފަށް އުޅެމުން ދަނިކޮށް ތުރުކީގެ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ހާމަކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހު ދުވަހު އެވެ.

އެ އާއިލާއާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހަނގުރާމާގައި ބައިވެރިވުމަށް ދިޔަ ދިވެހި އަންހެނަކާއި އޭނާގެ އާއިލާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެޗްއާރުސީއެމް އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އެ ކަމުގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މަޝްވަރާތައް ހިނގަނީ ކެބިނެޓް ލެވެލްގައި ކަމަށް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ މި މައްސަލާގައި ކުޑަކުދިންތަކެއް ހިމެެނޭތީ ހާއްސަ އިސްކަމެއް ދީގެން އެކަން ބަލަމުންދާ ކަމަށެވެ.

"ކުށެއް ކަމަށް ތުހުމަތު ކުރެވިގެން ހިފެހެއްޓިފައި ތިބި އާއިލާއެއް އެ އާއިލާއަކީ. ދެން އެ އާއިލާ ގެނައުމުގައި ހުންނާނެ ދަތިތަކެއް. އެހެން ނަމަވެސް އެ އާއިލާ ގެނެސް ރާއްޖޭގައި ވަކި ފެސިލިޓީއެއްގައި ބެލެހެއްޓުން އެއީ ވިސްނުމެއްގެ ގޮތުގައި އޮތީ،"

މަބުރޫކް ވިދާޅުވީ މި ނޫންވެސް ދިވެހި ބައެއް އާއިލާތައް ސީރިއާ އާއި ތުރުކީގެ ފުލުހުންގެ ބެލުމުގެ ދަށުގައި އަދި ރެފިއުޖީ ކޭމްޕްތަކުގައި އުޅެމުންދާ ކަމަށެވެ. އެކަންކަންވެސް ބަލާ އެ މީހުން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ސަރުކާރުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ކުރީން ބުނީ އަންހެން މީހާ އާއި އޭނާގެ ކުދިންގެ މައުލޫމާތު ތުރުކީގެ ކަމާބެހޭ އިދާރާތަކުން ރާއްޖެއާ ހިއްސާކޮށްފައިވާ ކަމަަށާ އެ މައްސަލަ ތަހުގީގުކޮށް އެ ކުދިންގެ ރަށްވެހި ކަމާއި ދަތުރުކުރުމުގެ ބޭނުންވާ ލިޔެކިޔުންތަކާއި އެ މީހުން ރާއްޖެ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ.

އެ މަސައްކަތަށް ފުލުހުންގެ ޓީމެއް ތުރުކީގައި ހަރަކާތްތެރިވަމުންދިޔަ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ގޮތުގައި އެ އަންހެން މީހާއަކީ ސީރިއާ އާއި އަފްގާނިސްތާނުގައި ހަނގުރާމަގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ކުދިން ހޯދާފައިވާ މީހެއް ކަމަަށެވެ. އަދި އެންމެ ހަގު ދެ ކުދިން އުފަންވީ އެ ދެ ގައުމުގައި ކަމަށް އެ އަންހެން މީހާ ބުނާ އެއީ އޭނާގެ ކުދިންކަން ކަަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.