މުހައްމަދު މަބްރޫކް އަޒީޒް

މަބްރޫކް އިސްތިއުފާ ހުށަހަޅުއްވާފައެއް ނުވޭ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އަންގާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރައީސް އޮފީހުގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މަބްރޫކް އިސްތިއުފާ ދެއްވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވީ ނަމަވެސް އޭނާގެ އިސްތިއުފާގެ ސިޓީ އަދި ލިބިފައި ނުވާ ކަމަށެވެ.

"އިސްތިއުފާ ރަސްމީކޮށް ހުށަހަޅުއްވާފައި ނުވާނަމަ އަޅުގަނޑުމެން އަދި ނުނިންމާނެ އިސްތިއުފާ ދެއްވި ކަމަކަށް ދެއްތޯ،" އޮފިޝަލް ވިދާޅުވި އެވެ.

މަބުރޫކް އިސްތިއުފާ ދެއްވި ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް މަބްރޫކް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.

މަބުރޫކް މި ފަހުން އުޅުއްވަނީ މަސްއޫލިއްޔަތުތަކާއި ވަރަށް ދުރުގައި ކަމަށް ބައެއް ބޭފުޅުންގެ ފަރާތުން އެނގިފައިވެ އެވެ.

މަބްރޫކްގެ އިސްތިއުފާގެ އަޑު ގަދަވެފައި މިވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް -- ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމަށް މުހައްމަދު ހިސާން އަލީ (ހިސްކޮ) ހަމަޖައްސަވާފައި ވަނިކޮށެވެ. ހިސްކޮށް އެ މަގާމަށް އައްޔަންކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

މަބުރޫކް އެންމެ ފަހުން ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ބަރަހަނާ ފޮޓޯގަނޑުތަކެއް އެބަހުރި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭރުވެސް މަބުރޫކް، ނޫސްވެރީންގެ ފޯނުތަކަށް ޖަވާބު ނުދެއްވާތާ ކިތަންމެ ދުވަހެކެވެ.

ތަރުޖަމާނުގެ މަގާމަށް މަބުރޫކް އައްޔަން ކުރެއްވީ ޖެނުއަރީ 10، 2021 ގައެވެ. އޭގެ ކުރީން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ.