މުހައްމަދު މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ އާ ތަރުޖަމާނަކީ މަބުރޫކް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް އެ އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަަދު މަބުރޫކް އަޒީޒް ހަމަަޖައްސަވައިފި އެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގަ އެވެ.

މަބްރޫކް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެނުއަރީ 1، 2021 ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސް އޮފީހުގެ ފަރާތުން ޚަބަރާއި މައުލޫމާތު ހޯދަން ގުޅަންޖެހޭ ފަރާތަކީ، ރައީސް އޮފީހުގެ ސްޕޯކްސްޕަސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މަބްރޫކް ޢަޒީޒެވެ.

މަބުރޫކަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހިދުމަތްތެރި މެންބަރެކެވެ. އޭނާ ވަނީ ނިމިގެންދިޔަ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާފައެވެ. ފެލިދޫ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ 54 ވޯޓް ތަފާތުންނެވެ.

މަބުރޫކް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި އޭނާ އަދާކުރި ދައުރުންނެވެ. އެ ބަލިމަޑުކަމާއި ދެކޮޅަށް މަަސައްކަތްކުރުމުގައި އެންމެ މުހިންމު ދައުރެއް އޮތް ނެޝަނަލް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނަކަށް ހަމަޖެއްސީ މަބަުރޫކެވެ.

ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި ފުރަތަަމަ ހައެއްކަ މަސް ދުވަހު ކޮންމެ ދުވަހަކު މަބުރޫކް ނޫސްވެރިންނާއި ބައްދަލްކޮށް މައުލޫމާތު ދެއްވައެވެ. ސިއްހީ މާހިރުންގެ އިރުޝާދުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާނީ އޭނާއެވެ. ސަރުކާރުން ހާމަކުރަން ބޭނުންވާ މައުލޫމާތާއި މެސެޖްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މެދުވެރިއަކީވެސް އެއީއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި މައުލޫމާތު ހާމަކުރުމުގައި އޭނާ އަމަލު ކުރެއްވި ގޮތަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.