ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާދެއްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ މިރޭ ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
ހަސަން އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބައެއް ކަންކަމަށް ވަގުުތު ހުސްކުރަން ބޭނުންވާތީ އެވެ. އޭނާއަކީ ރަައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މަގާމަށް އައްޔަން ކުރި ބޭފުޅެކެވެ. ހަސަން އިސްމާއީލް އަކީ މި ސަރުކާރުގައި ނުފޫޒު ގަދަ މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ބޭބެއެވެ. ފައްޔާޒަކީ ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ރައީސް އޮފީހުގެ ޕްރެސް ޓީމަށް ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ. ރައީސް އޮފީހުގެ މިހާރުގެ ތަރުޖަމާނަކީ މުހައްމަދު މަބުރޫކް އަޒީޒެެވެ. ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދު މިހާރު ހުންނެވީ ކޮމިއުނިކޭޝަން ސްޓެރެޓަޖިކްސްގެ މަގާމުގައެވެ.