ހަބަރު

ރައީސް އޮފީހުގެ ޕްރެސްޓީމު ތަރުތީބުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސްޓީމު ތަރުތީބު ކޮށްފި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާާގެ އޮފީހު ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމަށް ހަމަޖެއްސެވީ ހަސަން އިސްމާއީލެވެ. ރައީސް އޮފީހުގެ ޕްރެސްޓީމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ހަސަން އިސްމާއީލެވެ. މީގެ ކުރިންވެސް ޕްރެސްޓީމު ހިންގެވީ ހަސަންގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް ހޫދު މިހާރު ވަނީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ބަދަލު ކުރައްވާފައެވެ. މި ސަރުކާރު ފެށުނީއްސުރެ މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހޫދު ހުންނެވީ ސަރުކާރުގެ ތަރުޖަމާންގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް ހަމަޖެއްސެވީ މަބުރޫކް އަޒީޒެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް އެކަން އެ އޮފީހުން ހާމަކުރީ މަގާމަށް މަބުރޫކް ހަމަޖެއްސެވިތާ ދިހަ ދުވަސްފަހުން މިއަދު އެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހަބަރާއި މައުލޫމާތު ހޯދުމަށް ދެން ގުޅަންޖެހޭނެ ބޭފުޅަކީ މަބުރޫކެވެ. މަބުރޫކް ކުރިން ހުންނެވީ އެ އޮފީހުގެ އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައެވެ.