ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމެވީ އެމަނިކުފާނަކީ ވައުދެއް ވެވަޑައިގެންފިނަމަ ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޮތް އިތުބާރު ހިފޭ ހަމައެކަނި ލީޑަރަށް ވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ތަރުޖަމާންގެ ވަޒީފާ އިން އިސްތިއުފާ ދެއްވުމަށްފަހު މިދިޔަ ދުވަސްތަކުގައި މަބްރޫކް ހުންނެވީ ސިޔާސީ މަސްރަހުން ގެއްލިފަ އެވެ.
ރައީސްގެ ކެމްޕޭން ޖަލްސާ އިން މިރޭ ކުއްލިއަކަށް ފެނިލުމަށްފަހު މަބްރޫކް އެންމެ ފުރަތަމަ ވެސް ޔަގީންކޮށްދެއްވީ އޭނާ ރައީސް އަށް ތާއީދުކުރެއްވީ އެއްވެސް ބިރެއް މަޖުބޫރުކަމެއް ނެތި ކަމުގައި ކަމެވެ.
"އަޅުގަނޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށްގެން މިއަދު މިތާ މިހުރީ ވަޒީފާއެއް އޮވެގެނެއް ނޫން. ލިބޭ އެއްޗެއް އޮވެގެނެއް ނޫން،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ދެން ސާފުކޮށްދެއްވީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ދިވެހި ގައުމަށް ކުރިމަތިވި ކަޅު އަނދިރި ދުވަސްތަކުން ސަލާމަތްކޮށްދިނުމަށް ރައީސް ސޯލިހް އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްތަކެވެ.
ވަޒީފާގެ ގޮތުން ކޮވިޑްގެ ދުވަސްވަރު ރައީސް ސޯލިހާ އެންމެ ގާތުގައި ހުންނެވި އެއް ބޭފުޅަކީ މަބްރޫކް އެވެ. ކޮވިޑުން އަރައިގަތުމަށް ރައީސް އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްތައް ހަނދާންކޮށްދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް ރާއްޖެއަށް އައުމުގެ މާކުރިން ރައީސް އެ ބަލީގެ ނުރައްކާތެރިކަން ވިސްނިވަޑައިގެން ދުރާލައި ރައީސް މަސައްކަތް ފެއްޓެވި ކަމަށެވެ. އެ މަސައްކަތް ފެއްޓެވި ގޮތަށް ދެ އަހަރު ވަންދެން ކޮންމެ ރެއަކު ރައީސް މަސައްކަތް ކުރެއްވީ ޕްލޭނެއްގެ ތެރެއިން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
"ރާއްޖެއަށް ކޮވިޑުން އަރައިގަނެވުނީ އިއްތިފާގަކުން ނޫން. އަލުން ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށައިިފި. އަވަށްޓެރި ގައުމުތައް ސްރީލަންކާ ޕާކިސްތާން އެ އޮތް ހާލަތު މިއަދު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެއަށް މިކަމުން އަރައިގަނެވުނީ ރައީސް އާއި ކެބިނެޓާ އެތައް ބަޔަކު ކުރި ޓީމު މަސައްކަތުން،" މަބްރޫކް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން މަބްރޫކް ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަސާސީ ސިފައަކީ އެންމެން ދައްކާ ވާހަކަ އަޑުއެއްސެވުމާއި އެންމެންގެ ހިޔާލަށް ބައްލަވައިގެން ކަންކަން ކުރެއްވުން ކަމަށެވެ.
"ރައީސް އަކީ ޓީމު ލީޑަރެއް. ކޮންމެ ކަމެއްގައިވެސް ޓީމު ބައިވެރިކުރާނެ. ދިމާވާ ދަތީގައި ހިތްވަރު ދެއްވާނެ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައި ހިލޭ ޑިގްރީ ޕްރޮގްރާމު ތައާރަފްކޮށް 16،000 ކުދިންނަށް ކިޔަވައިދިނުމަކީ ގައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ރައީސް ކުރެއްވި އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. ލޯކަލް ކައުންސިލްތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ބާރުތައް މިސަރުކާރުން ދީފައިވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ރައީސް ގައުމު ބިނާކުރަނީ ފްރީ ޑިގްރީގައި ކިޔެވި ކުދިން ރަށަށް ގޮސް އެ ކުދިން ބޭނުންވާ ގޮތަށް އެރަށެއް ތަރައްގީކުރަން ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. ސަރުކާރުން މިއަދު ގެންދަނީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ތަަރައްގީގެ މަޝްރޫއުތައް ހިންގައިދެމުން ކަމަށްވެސް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ރައީސް ސޯލިހަކީ ވައުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެ ލީޑަރެއް ކަން އެމަނިކުފާނާ އިދިކޮޅު ހިޔާލުގެ މީހުންވެސް ގަބޫލުކުރައްވާނެ ކަމަށެވެ. ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ވޯޓެއްލީ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ކަމަށާއި އެކަމަކު އެމްޑީޕީއަށް އޭރުވެސް އަދި މިހާރުވެސް ޕާޓީ ބޮޑުވެގެން އަދި މަގުބޫލުވެގެން އެކަނި ނިކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ވާދަކޮށްގެން އެމްޑީޕީއަށް ކޯލިޝަނެއްގެ ތެރެއިން ކާމިޔާބު ހޯއްދަވައިދެއްވޭނެ ލީޑަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ފުރިހަމައަށް ގަބޫލުކުރައްވާ ކަމުގައިވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.