މުހައްމަދު މަބްރޫކް އަޒީޒް

ޓްރާންސްޕޯޓުގެ ނައިބުންނަށް ފިޔަވަޅު އަޅާނީ ދައުވާކުރުމުން

Oct 6, 2021
1

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުންނަށް ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވީ ނަމަވެސް އެ ބޭފުޅުންނަށް ފިޔަވަޅު އަޅާނީ ދައުވާ އުފުލުމުން ކަމަށް ސަރުކާރުން ބުނެފި އެވެ.

މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް 68 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކުރަނީ އެމަސައްކަތުގެ ބިޑް ކޮމިޓީގެ މެންބަރުންނަށެވެ.

އެކޮމިޓީގައި ތިއްބެވި ޓްރާންސްޕޯޓްގެ ދެ ޑެޕިއުޓީ މިނިސްޓަރުންނަކީ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ އެވެ. ބިޑް ކޮމިޓީގައި ހިމެނޭ އެހެން ބޭފުޅުންނަކީ އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމް އާއި މަރިޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާ އެވެ.

ބިޑް ކޮމިޓީގައި ހިމެނޭ ހުރިހާ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.

މިކަމާ ގުޅިގެން ދެ ޑެޕިއުޓީ މިނިސްޓަރުންނަށް ފިޔަވަޅު އަޅާނެތޯ ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ އާންމު އުސޫލަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް ޕީޖީ ގޮތެއް ނިންމަވާ ދައުވާ ކުރެއްވުމުން ފިޔަވަޅު އެޅުން ކަމަށެވެ.

"[އެގޮތަށް އަމަލުކުރަނީ] އެއީ ޕީޖީ އަށް ފޮނުވުމުން ގޮތެއް ނިންމެވުމާ މެދު ބައެއް ފަހަރު ވަރަށް ގިނަ ދުވަސްތައް ފާއިތުވެގެންދާތީ. މިހެން ދެންނެވިޔަސް މައްސަލައެއްގެ ބާވަތާ ހާލަތަށް ބަލައި އަމަލުކުރާ ގޮތް ތަފާތުވެސް ވުމަކީވެސް އެކަށީގެންވާ ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުންނަށް ދައުވާ ނުކުރާތީ އަދި ފިޔަވަޅެއް އަޅާފައި ނުވާއިރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފައި ހުންނަތާ ގާތްގަނޑަށް ތިން މަސް ވަނީ އެވެ.

މަހްލޫފް ގޭގައި މަޑުކުރަން އެންގެވީ އޭސީސީން އޭނާގެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ދައުވާކުރަން ޕީޖީ އަށް ފޮނުމުންނެވެ. އެކަމަކު ޕީޖީ އެ މައްސަލައިގައި އަދި މިހާތަނަށްވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ.