ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އޭސީސީއާއި ޕީޖީ އިތުރަށް ގުޅުން ބަދަހިކުރަން އެއްބަސްވުމަކަށް

Oct 11, 2022

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލް އެވެ.

ޕީޖީ އޮފީހުން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ގާނޫނުއަސާސީއާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު އެއްބަސްވެފައިވާ ކަމަށެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ވެސް ހިމެނެ އެވެ. އެގޮތުން އޭސީސީން ތަހުގީގު ކުރާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ވަކި ހަމައަކުން އޭސީސީއާ ހިއްސާ ކުރަމުން ދިއުމަށްވެސް އެއްބަސްވެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، ދައުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށް ދަނީ ޕީޖީއާއި އޭސީސީ ގުޅިގެން ކަމަށެވެ. އެގޮތުން ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި ޕީޖީ އޮފީހުގައި ގާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސެކިއުޝަން ނިޒާމުގެ ތެރެއިން ތަހުގީގަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުންދާ ކަމަށްވެސް ބުންޏެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ މިކަން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.