ރައީސް އޮފީސް

ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެއް މިލިއަން މަސްދަޅުގެ އެހީއެއް

Feb 10, 2023

ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިން ހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެއް މިލިއަން މަސް ދަޅު ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އެއް މިލިއަން މަސް ދަޅު ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. މިއީ ރަމްޒީ އެހީއެއް ކަމުގައިވެސް ބުންޏެވެ.

ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާ އެއް މިލިއަން މަސް ދަޅުގެ ތެރެއިން ސީރިއާ އދި ތުރުކީ އަށް -- ކޮންމެ ގައުމަކަށް ފަސް ލައްކަ މަސް ދަޅު ލިބޭނެ އެވެ.

ތުރުކީ ސީރިއާ ބޯޑަށް ސަރަހައްދަށް ހޯމަ ދުވަހު އައި ބާރުގަދަ ބިން ހިންލެމުގައި މިހާތަނަށް 21،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުންނަށް އަނިޔާވެ، ފަރުވާ ދޭން ޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ދިވެހި ރެޑްކްރެސެންޓުން ވެސް ގެންދަނީ ތުރުކީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް ހިންގަމުންނެވެ.

ތުރުކީއާއި ސީރިއާ އަށް އައި ބިން ހެލުމާ ގުޅިގެން ރައީސް ސޯލިހް މީގެކުރިން ވަނީ ދެ ގައުމުގެ ވެރިންނަށް ހަމްދަރީގެ މެސެޖެއްވެސް ފޮނުއްވާފަ އެވެ.