ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުންދާ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން މާލެ ސިޓީ ކައުންސިލްގެ އެއްވެސް ކައުންސިލަރެއްގެ ނެތް ކަމަށް ވިދާޅުވެ އެ ކޮންފަރެންސްގައި ބައިވެރިނުވާނެކަން އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ ވިއަވަތި ކޮންފަރެންސް ބޮއިކޮޓްކޮށްފައި ނުވާނެ ކަމަށާއި ކޮންފަރެންސްގައި ބައިވެރިނުވެވުނީ ދައުވަތު ލިބުން ލަސްވުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނުމާއި ގުޅިގެންނެވެ. އެ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގެ ދައުވަތު ސިޓީ ކައުންސިލަށް ފޮނުވާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި ދައުވަތު ލިބުނީ ބުރާސްފަތި ދުވަހު ކަމަށް ކައުންސިލުން ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ކޮންފަރެންސްގެ ދައުވަތު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ދައުވަތު ލިބުނުއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ކަމަށްވެފައި އަދި ބައެއް ކައުންސިލަރުން ތިއްބެވީ ރަސްމީ ދަތުރެއްގައި ތުރުކީގައި ކަމަށްވުމުން ދައުވަތާ މެދު ގޮތެއް ނިންމަން އެކަށީގެންވާ ވަގުތު ނުލިބުނީ ކަމަށެވެ.
"އަޅުގަނޑުމެން އެ ކޮންފަރެންސް ބޮއިކޮޓް ކުރި ކަމަށް ބުނާނަމަ އެއީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް އެ ކޮންފަރެންސަށް ނުދެވުނީ ޝޯޓް ނޯޓިސްއެއް ދިނުމުން. ރަށުން ބޭރުގައި އއ. އުކުޅަހުގައި މިފަދަ ކޮންފަރެންސެއް ބާއްވާއިރު މިއަށް ވުރެ ދުރާލައި ދައުވަތު ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން،" ނަރީޝް ވިދާޅުވި އެވެ.
ނަމަވެސް ނަރީޝްގެ މި ވާހަކަތަކަކީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށް މަބުރޫކް ވިދާޅުވިއެވެ. އެއީ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ނެތްކަން ލިޔުމުން ރައީސް އޮފީހަށް ސިޓީ ކައުންސިލުން އަންގާފައިވާތީ އެވެ. މަބުރޫކް ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވުމުގެ ޝަގުވެރި ކަމެއް ނެތް ކަމަަށް ބަޔާންކޮށް ސިޓީ ކައުންސިލުން މި މަހުގެ 23 ވަނަ ދުވަހު އެކަން އަންގާފައިވާ ކަމަށެވެ.