މާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ހިންގާ ކުދި ގޮޅިތަކުގެ ވިޔަފާރިތައް ހުއްޓުވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު އާދަމް އާޒިމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މާލޭގެ ބައެއް ބޮޑެތި މަގުތަކާއި ކުދި ގޯޅިތަކުގައި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން އާންމުންނަށް ދަތިވެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
"ކުދި ގޯޅިތަކުގައި ވިޔާފާރި ކުރާ މީހުން ހާއްސަކޮށް ވިޔަފާރި ކުރަނީ ތަރުކާރީ އާއި މޭވާ. އެ އެއްޗެހި ވިއްކާފައި މުޅި މަގު މައްޗަށް ކުނި ބުނިތައް އަޅާފައި ހުންނަ މައްސަލަ އާންމުން ފާހަގަކުރޭ،" އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެށިފާރަވެރިންނާއި ފުލުހުންނާ ގުޅިގެން މިހެން ހުރި ކަންތައް ހުއްޓުވަން ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމަކީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ރައްޔިތުންގެ ހެވާއި ލާބަޔަށް ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސްނާޅުއްވާނެ ކަމަށް އާޒިމް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.