ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއްގައި ނުފޫޒު ފޯރުވާފައި ނުވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހިންގަން ނިންމާފައިވާ ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލުކުރަން ނިންމީ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރެވި އެބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުން އެގޮތަށް އެއްބަސްވުމުން ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" ނަރީޝް ވިދާޅުވި އެވެ.
ސަރުކާރުގެ ނުފޫޒާ ގުޅޭގޮތުން ނަރީޝް ވާހަކަދައްކަވާފައި މިވަނީ އިންތިހާބީ މޭޔަރު އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ކުރިން ނިންމާފައިވާ 100 މިލިއަން ރުފިޔާ އިން މަތީގެ ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކުރުމަށް ސަރުކާރުން ހުށަހެޅުމާ ގުޅިގެން ކައުންސިލަރުން އެގޮތަށް އެއްބަސްވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
އާޒިމް ރޭ ވިދާޅުވީ ރައްޔިތުން މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދަން ވަކި ގޮތެއް ނިންމާފައިވަނިކޮށް ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރު ބޭފުޅުން ސިޓީ ކައުންސިލް ތެރެެއަށް ވަންނަވައިގެން ކައުންސިލުގެ މަސައްކަތްތައް އަތުލެއްވުމަށް ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ އިއްޔެ ބައްދަލުވުމުގައި ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ގޮތައް 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލުކުރުމަށެވެ. އަދި މިމަޝްރޫއުތައް ހަމަސް ތެރޭގައި ނުފެށިއްޖެނަމަ އަލުން މާލެ ސިޓީ ކައުންސިލަށް މި މަޝްރޫއުތައް ނަގާ ގޮތަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.