ރައީސް އޮފީސް

އިންޖީނުތައް ވަނީ ނިވާލާފައި، މީހުން ބަދަލުކުރާކަށް ނުޖެހޭނެ

ރައްޔިތުންނަށް އުނގަދޫވާ ޖެނަރޭޓަރުތައް ސްޓެލްކޯއިން ވަނީ ނިއްވާލާފައި ކަމަށާއި އެހެންވެ ރައްޔިތުން އެހެންތާކަށް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދިމާވެފައިވާ އުނދަގޫތަށް ހައްލު ކުރަން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައްޔިތުންނަށް އުނދަގޫތައް ދިމާވެފައި ވާތީ އެ ސަރަހައްދުގައި ހުރި ހަތަރު ޖެނަރޭޓަރު ވަނީ ނިއްވާލާފައި ކަމަށެވެ. އެހެންކަމުން މިހާރު އެ މައްސަލައަށް ހައްލެއް ލިބިފައިކަމަށް ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ކައުންސިލުން ސަރުކާރުގައި އެދެން ވަނީ ނިންމާފަ އެވެ. މަބްރޫކް ވިދާޅުވެފައި ވަނީ ސްޓެލްކޯއިން އެ ސަރަހައްދުގައި ބަހައްޓާފައިވާ ކުދި ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރާ ކަމަށެވެ. އަދި ހުޅުމާލެ-މާލެ އެއް ކަރަންޓް ވިއުގައަކުން ގުޅާލާފައިވުމުން މާލެއަށް ކަރަންޓްގެ މައްސަލައެއް ދިމާވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންކަމުން ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެންތަކަށް ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް" މަބްރޫކް ވިދާޅުވި އެވެ.