ދުނިޔެ

އިޒްރޭލާއެކު ވެކްސިން ބަދަލުނުކުރަން ފަލަސްތީނުން ނިންމައިފި

ވެކްސިންގެ ބަދަލުގައި ވެކްސިން ފޯރުކޮށް ދޭން އިޒްރޭލާއެކު ހެދި އެއްބަސްވުން ފަލަސްތީނުން ބާތިލު ކޮށްފި އެވެ. އެއީ ދުވަސް ހަމަވާ ކަމަށް ކުރިން ބުނި ތާރީހަށް ވުރެ އަވަހަށް ވެކްސިން ޝިޕްމަންޓްގެ ދުވަސް ހަމަވާތީ އެވެ.

ފަލަސްތީނަށް 1.4 މިލިއަން ޑޯޒް ފައިޒާ-ބަޔޮންޓެކް ވެކްސިން ފޯރުކޮށްދޭން އިޒްރޭލުން އޮތީ އެއްބަސްވެފަ އެވެ. އެެއީ މިއަހަރު ފަހުކޮޅު ފަލަސްތީނަށް ލިބޭ ވެކްސިނުން އިޒްރޭލަށް ބަދަލުދީ އަދަދު ހަމަކުރާ ގޮތަށެވެ. ފަލަސްތީން ހެލްތު މިނިސްޓަރު، މައްޔިލް ކައިލަތީ ވިދާޅުވީ ވެކްސިން ބަދަލު ކުރަން އެއްބަސްވެ ވަޑައިގަތީ ހުޅަނގު އައްސޭރި އާއި ގާޒާގައި ކޮވިޑަށް ވެކްސިން ދިނުން އަވަސް ކުރުމަށެވެ.

މި ޑީލް ހެދުމުގެ ކުރިން ވެސް ވެކްސިން ޝިޕްމަންޓާ ބެހޭ ގޮތުން އިޒްރޭލުން ބުނެފައި އޮތީ ދުވަސްހަމަ ވާން ދެތިން މަސް އޮތް ކަމަށެވެ. އެހެން ނަމަވެސް، ފަލަސްތީން ފޮނުވަން އިޒްރޭލުން ބަންޑެލިކުރި ޝިޕްމަންޓް މި މަހު ދުވަސްހަމަވާކަން ފަހުން އެނގުނީ އެވެ.

ފަލަސްތީން ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ބަދަލު ކުރުމަކީ ފައިޒާއިން ހޯދައިދިން ހައްލެއް ކަމަށެވެ. އެހެން ނަމަވެސް ފައިޒާއާއެކު މަޝްވަރާ ކުރެވުނީ ދުވަސް ހަމަވެފައި ހުރި ވެކްސިން ހޯދަން ނޫން ކަމަށާއި ތާރީހު އޮޅުވާލީ އިޒްރޭލުން ކަމަށެވެ.

ފަލަސްތީނުން ބުނީ ދުވަސް ހަމަވާ ތާރީހު ޖުލައި / އޮގަސްޓްގައި އޮތް ނަމަވެސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވޭނެ ކަމަށެވެ. އެހެން ނަމަވެސް މި މަހު ދުވަސް ދުވަސްހަމަވާ އެއްޗެއް ހޯދައިގެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ފަލަސްތީން ބަންދުކޮށް ބާއްވައި ވެކްސިން ދިނުން ތާށި ކުރުވާތީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ގެންދަނީ އިޒޭލަށް މަލާމާތްކޮށް ރުޅިވެރިކަން ފާޅު ކުރަމުންނެވެ.