އިންޑިއާގެ ކެރެލާގެ ޗަރްތާލާގައި ދިރިއުޅޭ މި މީހާގެ ގައިގައި ހުންނަނީ އޯ ނެގެޓިވް ލެއެވެ. މި ވައްތަރުގެ ލޭ ހުންނަ މީހުންނަކީ ނިސްބަތުން މަދު ބަޔަކަށް ވާތީ މި މީހާގެ ލެޔަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. އޭނާ ލޭ ހަދިޔާކުރަން ފެށީ ވެސް މި ސަބަބާ ހުރެ އެވެ. ލޭ ހަދިޔާ ކުރަން ފެށުމުން މި މީހާއަށް ވަރަށް ތަފާތު އިހްސާސެއް ކުރެވެން ފެށި އެވެ. ލޭ ހަދިޔާ ކޮށްދީގެން މީހެއްގެ ހަޔާތަށް ހީނުކުރާ ވަރުގެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވުނީމަ އެ ކުރެވޭ އިހްސާސެވެ. ލޭ ހަދިޔާކުރުމުގެ މަސައްކަތުގައި އޭނާ މިހާތަނަށް ވެސް ދެމިހުރީ އެ ހިތްހަމަޖެހުން ލިބޭތީ އެވެ.
ޕީޖޭ ޕޯލް ނަމަކަށް ކިޔާ މި މީހާ މިހާތަނަށް ލޭ ހަދިޔާކޮށްގެން 79 މީހެއްގެ ފުރާނަ ސަލާމަތް ކޮށްދީފި އެވެ.
އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއު އެއްގައި ޕޯލް ބުނީ އުމުރުން 60 އަހަރު ފުރެންދެން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރަމުން އަންނަ ކަމަށެވެ. އޭނާގެ އެއްވެސް ބޮޑު ބައްޔެއް ނުހުއްޓަސް އެ އުމުރުގެ މީހުން ލޭ ހަދިޔާ ކުރުމަކީ ޑޮކްޓަރުން ވެސް އެހާ ތަރުހީބު ދޭކަމެއް ނޫންކަމަށް ޕޯލް ބުންޏެވެ. ނަމަވެސް އޯ ނެގެޓިވް ލޭ ނުލިބިގެން މީހެއްގެ ފުރާނަ ހިނގައިދާނެކަމަށް ހީވާ ފަހަރު ފަހަރު އެހެން މީހެއްގެ ލޭ ނުލިބިއްޖެނަމަ ޕޯލްގެ ލޭ ބޭނުންކުރުން ނޫން ގޮތެއް ޑޮކްޓަރުންނަކަށް ނޯވެ އެވެ.
ޕޯލްގެ "ނެގެޓިވް" ދަތުރުވެސް ވަރަށް ތަފާތެވެ. އޭނާ ވަނީ ނެގެޓިވްގެ ނަމުގައި ވަޓްސްއަޕް ގްރޫޕެއް ހަދާފަ އެވެ. މި ގްރޫޕްގައި ތިބެނީ މަދުން ހުންނަ ލޭގެ ވައްތަރުތައް ހުންނަ މީހުންނެވެ. އެފަދަ ލެޔަށް ބޭނުންވާ މީހަކު ހުރިކަން އެނގުމާއެކު ޕޯލް އާއި އޭނާގެ ޓީމުގެ މެންބަރުން ވަގުތުން ހަރަކާތްތެރިވެ އެ މީހަކަށް ލޭ ހޯދައިދެ އެވެ.
މީގެ 30 ވަރަކަށް އަހަރު ކުރިން ޕޯލް އަކީ ބަނގުރަލުގެ މަސްތުގައި ޖެހިފައިހުރި މީހެއް ކަމަށް ގަބޫލުކުރަން ވެސް ގިނަ މީހުންނަށް ދައްޗެވެ. ނަމަވެސް ޕޯލް ބުނި ގޮތުގައި އޭނާއަކީ ބަނގުރަލުގެ އަވައިގައި ވަރަށް ބޮޑަށް ޖެހިފައި ހުރި މީހެކެވެ.
"އަހަރެންގެ އާއިލާއަށް ވެސް އޭގެ ނޭދެވޭ އަސަރުކުރި. އަންހެނުން ޖޮނައްމާ އަހަރެންގެ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން ގެއިން ނުކުމެގެން ވެސް ދިޔަ އެކަމާ ހެދި ރުޅިއައިސްގެން. ނަމަވެސް އޭނާގެ ހަޔާތަށް ހީވެސް ނުކުރާ ކަހަލަ ބޮޑު ބަދަލެއް އައީ އިއްތިފާގުން ދިމާވި ކަމަކުންނެވެ.
"އޭރު އަހަރެންނަކީ އަލަޕުއްޒާ ސަރަހައްދުގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް. ވިހި މީހުން ގޮވައިގެން އަހަރެން ދަތުރުކުރަމުން ދިޔަ ވެހިކަލް އެކްސިޑެންޓްވީއިރު އަހަރެން އިނީ މަސްތުގެ ހާލަތުގައި. ނަސީބަކުން އޭގެން އެއްވެސް މީހަކަށް ކަމެއް ނުވޭ. ނަމަވެސް އެ އެކްސިޑެންޓުގެ ސަބަބުން އަހަރެންގެ ވަޒިފާ ގެއްލުނު. ރާ ބުއިން ހުއްޓާލާ އަލުން އާ ހަޔާތެއް ފަށަން އަހަރެން އަޒުމު ކަނޑައެޅީ އެ ދުވަހު،" ޕޯލް ބުންޏެވެ.
ވަޒީފާ ގެއްލުނުތަނާ ދުވަސްކޮޅެއް ފަހުން މުދާ އުފުލާ ވެހިކަލެއްގެ ޑްރައިވަރެއްގެ ވަޒީފާ އޭނާއަށް ލިބުނެވެ.
"އަހަރެންނާއެކު މަސައްކަތްކުރި މީހަކު އޭނާގެ މާމައެއް އޮޕަރޭޝަނެއް ކުރަން ޖެހިގެން އޯ ނެގެޓިވް ލޭ ހޯދަން ވެގެން އުޅެނިކޮށް އަހަރެން ބުނިން އަހަރެންގެ ގައިގައި ހުންނަނީ އޯ ނެގެޓިވް ލެޔޭ. އަހަރެން ދީފާނަމޭ. ނަސީބަކުން އެމީހާގެ މާމަގެ އޮޕަރޭޝަން ކާމިޔާބުވެ އެ އާއިލާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނު. އެ މަންޒަރު ފެނިފައި އަހަރެންނަށް ހީވެސް ނުކުރެ ވަރުގެ ހިތްހަމަޖެހުމެއް އިހްސާސްވި. ގަވާއިދުން ލޭ ހަދިޔާކުރާ މީހަކަށް ވާން އަހަރެން ނިންމީ އެހިސާބުން،" ޕޯލް ބުންޏެވެ.
އޭނާގެ ލޭ ހަދިޔާކުރުމުގެ އިތުރު ތަޖުރިބާއެއް ހިއްސާ ކުރަމުން ޕޯލް ބުނީ އެންމެ ދުވަހެއް ވީ ތުއްތު ކުއްޖަކަށް 100 އެމްއެލްގެ ލޭ ހަދިޔާކޮށްގެން އެ ކުއްޖާގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށެވެ.
"އެކުއްޖާއަށް މިހާރު 17 އަހަރު. މިހާތަނަށް އޭނާ ފާހަގަކުރި ކޮންމެ އުފަންދުވަހުގެ ޕާޓީއަކަށް އަހަރެންނަށް ދައުވަތުދީގެން ގެންދޭ،" ޕޯލް ބުންޏެވެ.
ޕޯލް ވަނީ 2015ގައި ރިޓަޔަވެފަ އެވެ. މިހާރު އޭނާގެ ހަޔާތުގެ ހުރިހާ ދުވަހެއް ހުސްކޮށްފައިވަނީ ލޭ ހަދިޔާކުރުމަށާއި ލޭ ހަދިޔާ ކުރާނެ މީހުން ހޯދައިދިނުމަށް އަދި ލޭ ހަދިޔާކުރަން މީހުން ހޭލުންތެރިކުރުވުމަށެވެ.