ދިވެހި މީޑިއާ

އާ ނޫސް ވަރަށް އަވަަހަށް ލޯންޗު ކުރާނެ: ހިރިގާ

"ހަވީރު" ނޫހުގައި މަސައްކަތްކޮށްފައިވާ ސީނިއާ ނޫސްވެރިން ހިމެނޭހެން ފަށަން މަސައްކަތް ކުރަމުންދާ އޮންލައިން ނޫސް ވަރަށް އަވަހަށް ލޯންޗް ކުރާނެ ކަމަށް އެ ޓީމުގެ އިސް ބޭފުޅެއް ކަމަށްވާ ސަން މީޑިއާ ގުރޫޕުގެ ކުރީގެ ސީއީއޯ އަދި ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) ޒާހިރު ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ޒާހިރު މިއަދު ވިދާޅުވީ އެ ނޫސް ޖުލައިގައި ލޯންޗު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނެކްސްޓް މީޑިއާ ގްރޫޕުން ހިންގާ އެ ނޫހަށް ކިޔާ ނަމެއް އަދި މުޅީން އޮތީ ފައިނަލް ނުވެއެވެ.

".. ދުވަހެއް ދުވަހަކަށް ނޫސްވެރިކަމުގެ ފޭރަން ދަށްވަމުންދާތަން ފެންނާތީ އިތުުރު ހިތްވަރަކާ އެކު އަދި ރަނގަޅު ޓީމަކާ އެކު މަސައްކަތްތަކެއް ކޮށް ރަނގަޅު ނޫސްވެރިކަމެއް ކުުރުމުގެ ނިޔަތާއެކު މި ޓީމާ ގުޅެނީ. ޓީމާ ދޭތެރޭ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް،" ޒާހިރު ވިދާޅުވި އެވެ.

ނެކްސްޓް މީޑިއާ ގްރޫޕްގެ ސީއީއޯއަކީ "ހަވީރު" އަދި "މިހާރު" ގެ ބިޒްނަސް ޑިވޮލޮޕްމަންޓްގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަމްމޫން އަފީފް އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުން އެ ޓީމުގައި އެބަތިއްބެވިއެވެ. އޭގެ ތެރޭގައި "ހަވީރު" އާއި "މިހާރު" ގެ ކުރީގެ އެޑިޓަރު މޫސާ ލަތީފް އާއި "ހަވީރު" ގެ ކުރީގެ އެޑިޓަރު އަދި ޔޫއޭއީގެ ގައުމީ ޔުނިވާސިޓީގައި މިހާރުު ނޫސްވެރިކަން ކިޔަވައިދެއްވާ އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ރަފީގް އާއި "މިހާރު" ނޫހުގައި ސީނިއާ އެސިސްޓެންޓް އެޑިޓަރުގެ ގޮތުގައި މަަސައްކަތް ކުރެއްވި އާސިޔަތު މުހައްމަދު ސައީދު އަދި "ހަވީރު" ގެ ކުރީގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ހިމެނިވަޑައިގަންނަވައެވެ.

ނެކްސްޓް މީޑިއާ ގްރޫޕުން ބުނީ އެ ނޫސް ގެނެސްދޭނީ ޑިޖިޓަލް ކޮންޓެންޓް ގެނެސްދިނުމުގެ ފަހުގެ ގޮތްތައް ހިމަނައިގެން ކަމަށެވެ.