ބާސެލޯނާ

ޑިޕޭ ބޭނުންވީ ކޫމަންގެ ކޯޗުކަން

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންގެ ކޯޗު ކަމަށް ބޭނުންވެ، ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕޭ ބާސެލޯނާ އަށް ސޮއި ކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ވިންގާ ބާސެލޯނާ އާއި ގުޅިފައިވަނީ ލިއޯން އާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ފްރީ ޓްރާންސްފާގަ އެވެ.

ޑިޕޭ އަކީ މިހާރު ކުރިއަށްދާ ސަމާ ޓްރާންސްފާގައި ބާސެލޯނާ އާއި ގުޅޭނެ ކަމަށް ބެލެވޭ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކެކެވެ.

ކުރިއަށް އޮތް ޖުލައި އެކެއްގައި އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއެރޯ އޭނާގެ ގައުމީ ބަތަލް މެސީއާ އެކު ކުޅުމަށް ބާސެލޯނާ އާއި ގޫޅޭނެ އެވެ. އަދި އަގުއެރޯ އާއި އެކު މެންޗަސްޓާ ސިޓީގައި ކުޅެމުން އައި އެޓީމުގެ ޑިފެންޑަރު އެރިކް ގާސިއާ ވެސް ޖުލައި އެކެއްގައި ބާސެލޯނާ އަށް ސޮއި ކުރާނެ އެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމުގައި ކޫމަންގެ އިރުޝާދުގެ ދަށުން ކުޅުނު ޑިޕޭ ބާސެލޯނާ އާއި އެކު ހަދާފައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. ޑިޕޭ ބާސެލޯނާ އާއި ގުޅުނުކަން ރަސްމީކޮށް އިއުލާންކޮށްފައި މިވަނީ އޭނާ ގެނައުމުގެ ޑީލް ކުރިއަށްދާ ކަމަށް ކޫމަން ބުނިތާ ދެތިން ދުވަސް ފަހުންނެވެ.

ނެދަލެންޑްސްގެ ފޯވާޑް ޑިޕޭ ފްރާންސްގެ ލިއޯން އާއި ގުޅުނީ މެންޗެސްޓާ ޔުނައިޓެޑްގައި ކުޅުމަށް ފަހު 2017 ވަނަ އަހަރު އެވެ. ލިއޯންގައި އޭނާ ހޭދަކުރި ހަތަރު އަހަރު ތެރޭ 178 މެޗު ކުޅެ، 76 ގޯލު ޖަހާފައިވެ އެވެ. ލީއޯންގައި ކުޅުނު އެންމެ ފަހު ސީޒަނަކީ ޑިޕޭ އެންމެ ބޮޑަށް ވިދާލި ސީޒަނެވެ. އެގޮތުން ލީގު އެކެއްގައި އޭނާ ވަނީ 20 ގޯލު ޖަހައި، ލީގުގެ ދެވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. ބާރަ އެސިސްޓާއެކު ފްރާންސް ލީގުގެ އެންމެ ގިނަ އެސިސްޓު ކުރީ އޭނާ އެވެ. އެންމެ ގިނަ ގޯލު އެ ސީޒަނުގައި ޖެހީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އެވެ. އޭނާ ވަނީ 27 ގޯލު ޖަހާފަ އެވެ.

ނެދަލެންޑްސް ޓީމުގައި ގާތްގަނޑަކަށް ދެއަހަރު ވަންދެން ޑިޕޭ ވަނީ 58 އަހަރުގެ ކޫމަންގެ އިރުޝާދު ދަށުން ކުޅެފަ އެވެ. އެ ދެ އަހަރުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ޓީމަށް ވަރަށް މުހިއްމު މީހަކަށް ވެފަ އެވެ. މިދިޔަ އޮގަސްޓު މަހު ކޫމަން ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ކޫމަންގެ ދަށުން 18 މެޗެއް ކުޅެ ޑިޕޭ ވަނީ 11 ގޯލު ޖަހާފަ އެވެ.

ދުވަސްތަކަކަށް ފަހު އަނެއްކާވެސް ޑިޕޭ މިވަނީ ކޫމަންގެ ކޯޗު ކަމުގެ ދަށަށް އައިސްފަ އެވެ. ބެލެވޭ ގޮތުގައި މިއާއެކު އޭނާގެ ކުޅުން އިތުރަށް ރަނގަޅު ވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ބާސެލޯނާގެ ނިންމުންތައް ރަނގަޅުވެ، ޓީމު ވަރުގަދަ ވެގެންދާނެ އެވެ.